18 ސެޕްޓެމްބަރ 2019 - 15:22

ފަސޭހައިން ޓީބީ ދެނެގަނެވޭނެ ހަތަރު މެޝިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހެލްތު މިނިސްޓްރީ އަށް މިއަދު ހަދިޔާކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މެޝިންތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި އެ ތަކެތި މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެ އަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މަތޫރެވެ.
ޑަބްލިއުއެޗްއޯ އިން ހަދިޔާ ކުރީ "ޖީން އެކްސްޕާޓް" މެޝިންތަކެކެވެ. މި މެޝިން ބޭނުންކޮށްގެން ކުރާ ޓެސްޓުގެ އެހީގައި މީހެއްގެ ގައިގައި ޓީބީ ހުރި ކަން ދެ ގަޑިއިރު ތެރޭ ދެނެގަނެވޭނެ އެވެ. އަދި ޓީބީއަށް ފަރުވާކުރަން ދޭ "ރިފަމްޕިން" ބޭހަކަށް ނުގުޑާ ޖަރާސީމު ހުރިކަން ވެސް ދެ ގަޑިއިރުން ދެނެގަނެވޭނެ އެވެ. ޓީބީ ހުރިކަން ދެނެގަންނަން އާންމުކޮށް ހަދާ ޓެސްޓުގެ ނަތީޖާ ލިބޭނީ ތިން ދުވަހުންނެވެ. އަދި އެ ބައްޔަށް ދޭ ބޭސްތަކަށް ނުގުޑާ ބާވަތުގެ ޖަރާސީމު ހުރިކަން ދެނެގަންނަން ހަދާ ޓެސްޓު ފުރިހަމަކުރަން ތިން ހަފްތާ ނަގައެވެ. އެ ޓެސްޓަކީ ރާއްޖޭގައި ހެދެން ނެތް ޓެސްޓަކަށް ވާތީ، އެ ޓެސްޓުގެ ނަތީޖާ ދިވެހިންނަށް އާންމު ގޮތައްގައި ލިބެނީ ހަ ހަފްތާއަށް ވުރެ ފަހުންނެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ އެތަނުން އަންނަނީ 2022 ވަނަ އަހަރުގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލަން މަސައްކަތްކުރަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ ޖީން އެކްސްޕާޓުގެ އެހީގައި ވެސް މިކުރެވޭ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމާލުމަށްޓަކައި، އަޅުގަނޑުމެންގެ ނަތީޖާއާ ހިސާބަށް އަވަހަށް ދާން،" މިނިސްޓަރު ވިދާޅުވި އެވެ.
ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ރާއްޖެއަކީ ވަރަށް ކުރިއަރާފައިވާ ގައުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޓީބީ ރާއްޖޭން ނެެތިގެން ދިއުމަކީ އެކުރިއެރުމަށް ލިބޭ އިތުރު ކާމިޔާބީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން މިއަދު ހަދިޔާކުރި މެޝިނުތައް ބަހައްޓަން ނިންމާފައި ވަނީ ރ. އުނގޫފާރުގަ އާއި ލ. ގަމުގަ އާއި ސ. ހިތަދޫ އަދި ޅ. ނައިފަރުގައި ހުންނަ ހޮސްޕިޓަލުގަ އެވެ. މީގެ ކުރިން ވެސް ޖީން އެކްސްޕާޓް މެޝިންތަކެއް ހދ. ކުޅުދުއްފުށީގަ އާއި ގދ. ތިނަދޫގައި ބަހައްޓާފައި ވެ އެވެ. އައިޖީއެމްއެޗްގައި ހުންނަ މިފަދަ މެޝިނާ އެކު، ރާއްޖޭގެ ހަތް ސަރަހައްދަކުން މިހާރު މި މެޝީން ބޭނުންކުރެވޭނެ އެވެ.
މި މެޝިން ބޭނުންކުރަން ބޭނުންވާ ކާޓްރިޖާއި ޓީބީ އަށް ފަރުވާ ކުރަން ބޭނުންވާ ބޭސް ވެސް ފޯރުކޮށްދެނީ ހެލްތު މިނިސްޓްރީން ހިިންގާ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ދަށުން ހިލޭ އެވެ.
މިދިޔަ އަހަރު ޓީބީގެ 136 ކޭހެއް ރާއްޖޭން ފެނުނު ކަމަށް އެޗްޕީއޭގެ ކޮމިއުނިކަބްލް ޑިޒީސް ހެޑް ޑޮކްޓަރު ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި އެވެ. އޭގެ ތެރެއިން މި ބަލި އެންމެ ގިނައިން ފެނިފައިވަނީ އުމުރުން 24-45 އަހަރާ ދެމެދުގެ މީހުންގެ ގައިންނެވެ. އަދި އެ ބައްޔަށް ފަރުވާކުރަން ކަނޑައަޅާފައި ވާ ބޭސްތަކަށް ނުގުޑާ ވައްތަރުގެ ޖަރާސީމް ހުރި އެކަކު މިދިޔަ އަހަރު ފެނުނުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.