18 ސެޕްޓެމްބަރ 2019 - 14:40

ސާކުގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ސްޓާޓްއަޕް ކުންފުނިތަކަށް ހާއްސަކޮށްގެން ބޫޓް ކޭމްޕެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
މި ބޫޓް ކޭމްޕުތައް ސާކުން ބާއްވަމުން ގެންދަނީ ކުރިއަރަމުން އަދި އުފެދެމުން އަންނަ ސްޓާޓްއަޕްތަކަށް ބޭނުންވާފަދަ މާހައުލެއް ނެތް ޤައުމުތަކުގަ އެވެ. ރާއްޖޭގެ އިތުރުން ނޭޕާލް އާއި ބަންގްލަދޭޝް އާއި ބޫޓާން އަދި ސްރީލަންކާ ގައި މި ބޫޓް ކޭމްޕް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ވިމެން އިން ޓެކްއާ ގުޅިގެން ސާކުން ރާއްޖޭގައި ބާއްވާ މި ބޫޓް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24-26 ގެ ނިޔަލަށް މާގިރި ހޮޓަލުގަ އެވެ. މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 22ގެ ނިޔަލަށް ވަނީ އެ އެފުރުސަތު ހުޅުވާލާފަ އެވެ. ކޭމްޕުގައި ބައިވެރިވުމަށް ސާކުގެ ގޫގަލް ފޯމް (https://tinyurl.com/y4obmtdu) ފުރަން ޖެހޭނެ އެވެ.
ސާކުން ބާއްވާ މި ބޫޓްކޭމްޕްގައި ބައިވެރިވާ ސްޓާޓްއަޕްތަކުގެ ތެރެއިން ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ކުންފުންޏަކަށް ސާކުގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ އެކްސްޕާޓުންގެ ފަރާތުން އޮންލައިންކޮށް އެހީތެރިކަން ލިބޭނެ އެވެ. މި ފަސް ކުންފުންޏަށް އިންވެސްޓަރުން ހޯދުމަށް މަގުފަހިވެ، ޗައިނާ ސައުތު އޭޝިއާ ބިޒްނަސް ފޯރަމާއި ކޮންފެޑެރޭޝަން އޮފް އޭޝިއާ ޕެސިފިކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ބާއްވާ ކޮންފަރެންސްގައި ސާކުގެ ޑެލިގޭޝަނެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ.
މީގެ އިތުރުން މި ފަސް ސްޓާޓްއަޕްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސްޓާޓްއަޕަކަށް ރާއްޖެގެ ފަރާތުން، ސާކްގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ބާއްވާ ސާކް ސްޓާޓްއަޕް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
- ޓޫރިޒަމް ދާއިރާ
- އީ ކޮމާސް ވިޔަފާރިތައް
- އަންހެން ވިޔަފާރިވެރިން
- ޓެކްނޮލޮޖީ އާ ގުޅޭ ވިޔަފާރިތައް
- ބިޒްނަސް އޮފް ރީޖަނަލް އިން ނޭޗާ