އޭސީޕީ ފައިރޫޝް ޕީއެޗްޑީ ހާސިލް ކުރައްވައިފި
އޭސީޕީ ފައިރޫޝް ޕީއެޗްޑީ ހާސިލް ކުރައްވައިފި

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އިއްޔެ ޕީއެޗްޑީ ހާސިލްކުރައްވައިފި އެވެ.

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިއްޔެ ގްރެޖްއޭޓްވި ފައިރޫޝް ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައިވަނީ އިންޓެލިޖެންސް ބޭނުންކޮށްގެން ފުލުހުންގެ މަސައްކަތް ކުރުމާ ގުޅޭގޮތުންނެވެ.

ފައިރޫޝް އަށް މަރުހަބާ ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިރޫޝް ލިޔުއްވާފައިވާ ތީސީސް ފުލުހުންނަށް ވަރަށް މުހިންމު އެއްޗަކަށް ވާނެ ކަމަށެވެ.

ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރި އެވެ. އޭރު ފައިރޫޝް ހުންނެވީ ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގަ އެވެ.

އަލުން ވަޒީފާ ދިނުމަށް ދައުލަތުން އެއްބަސްވުމުން އެގޮތަށް އަމަލުކުރަން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކޮށް، އަލުން ވަޒީފާ ދިނުމުން ކުރިން ވެސް ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް ފައިރޫޝް ހަމަޖެއްސީ ޖެނުއަރީގަ އެވެ.