އިޒްރޭލުގެ އިންތިޚާބު: އެއްވެސް ބަޔަކަށް ކުރިލިބޭ ވަރެއް ނުވޭ
އިޒްރޭލުގެ އިންތިޚާބު: އެއްވެސް ބަޔަކަށް ކުރިލިބޭ ވަރެއް ނުވޭ

ތެލް އަވީވް (ސެޕްޓެމްބަރު 18) - އިޒްރޭލުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި މެޖޯރިޓީ ހޯދޭ ވަރަށް އެއްވެސް ޕާޓީއަކަށް ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ.

ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކޫޑް ޕާޓީ އަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 120 ގޮނޑި ހިމެނޭ ޕާލަމެންޓުގެ ދަށުގޭގެ 30-33 ގޮނޑި އެވެ. އެ ޕާޓީއާ އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ސިފައިންގެ ކުރީގެ ޖެނެރަލް ބެނީ ގާންޒުގެ ސެންޓްރިސްޓް ބްލޫ އެންޑް ވައިޓް އެލަޔަންސް އިން 32-34 ގޮނޑި ހޯދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެހެންވެ ވެރިކަމަށް ބަޔަކު ގެނައުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރާނީ ޔިސްރާލް ބެއިޓެއިނު ޕާޓީގެ ހަރުކަށި ލީޑަރު އަވިގްދޯ ލިއެބަމަން ކަމަށް ބެލެވެ އެވެ.

އެޕްރީލް މަހު ބޭއްވި އާއްމު އިންތިޚާބަށް ފަހު ކޯލިޝަނެއް އުފެއްދޭ ވަރަށް ތާއީދު ނުލިބުމުން ނަތަންޔާހޫ ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ނިންމައިފަ އެވެ. ޕްރިލިމިނަރީ ނަތީޖާތައް މިއަދު ސާފުވާން ފެށުމާ އެކު ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ މަޝްވަރާތައް ފަށާނެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ މިއަދު ވިދާޅުވީ ނިމިގެން ދިޔައީ އުނދަގޫ ކެމްޕޭނެއް ކަމަށެވެ.

"އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިދަނީ ސާފު ނަތީޖާއަށް. އެކަމަކު އެއް ކަމެއް ޔަގީން. އެއީ އިޒްރޭލް މި ވަނީ ވަރަށް ތާރީޚީ ދަނޑިވަޅެއްގައިކަން. ގައުމަށް މިއޮތީ ބޮޑު ފުރުސަތެއް ހުޅުވިފައި އަދި ގައުމަށް މިއޮތީ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައި،" ނަތަންޔާހޫ ވިދާޅުވީ އެވެ.

ނަތަންޔާހޫ އަށް ވުރެ އުއްމީދީ ރާގެއްގައި، ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ގާންޒް ވިދާޅުވީ "މަސައްކަތް ފުރިހަމަ ކުރެވިއްޖެ" ކަމަށާއި ކުރިއަށް އޮތީ އެއްބައިވަންތަކަން ކަމަށެވެ.

ލިކޫޑް ޕާޓީގެ ފޮރިން އެފެއާޒް ޑިރެކްޓަރު ވިދާޅުވެފައި ވަނީ އެގްޒިޓް ޕޯލްތަކުގެ ނަތީޖާތަކަށް އުއްމީދު ނުކުރާ ކަމަށާއި މީގެ ކުރިން ވެސް އެގްޒިޓް ޕޯލްގެ ނަތީޖާ ގޯސްކޮށް ދައްކާފައިވާ ކަމަށެވެ.