19 ސެޕްޓެމްބަރ 2019 - 07:28

އިރުފާން ޚާނާއި ކާޖޮލް އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ތަރިންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. މި ދެ ތަރިން އެއް ފިލްމަކުން ފެނުމަކީ ވަރަށް ހާއްސަ އަދި ބެލުންތެރިން އެހާމެ ޝައުގުވެރި ވާނެ ކަމަކަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާގޮތުގައި އިރާފާނާއި ކާޖޮލް އެއް ފިލްމަކުން ފެނުމުގެ ފުރުސަތު މިހާރު އެބައޮތެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުހައި އެކްޓަރު/ޑައިރެކްޓަރު/ސްކްރީންރައިޓަރު ސޯރަބް ޝުކްލާގެ ދެން ޑައިރެކްޓްކުރާ ފިލްމު ވަނީ މި ދެ ތަރިންނަށް ހުށަހަޅައިފަ އެވެ.
އެ ނޫހުން ބުނިގޮތުގައި އާންމު ދިރިއުޅުމުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ހަދާ ފިލްމު އިރުފާނާއި ކާޖޮލް އަށް ނެރޭޓްކޮށް ދިނުމުން ދެ ތަރިން ވެސް ވަނީ ފިލްމަށް އެއްބަސްވެފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ސޯރަބް އަދި ތައްޔާރެއް ނޫނެވެ.
އޭނާ ބުނީ ފިލްމުގެ މަސައްކަތް އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށްވާތީ އެއާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.
"އެހެންވެ މި ވަގުތަށް ބުނެވެން އޮތީ ނޯ ކޮމެންޓޭ،" ނޮވެމްބަރު މަހު ރިލީޒްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ ކާސްްޓްގައި ވެސް ހިމެނޭ ސޯރަން ބުންޏެވެ.
އޭނާ ޑައިރެކްޓްކޮށްފަިއވާ ފިލްމުތަކުގެ ތެރޭގައި ޕައްޕޫ ކާންޓް ޑާންސް ސާލާ (2010)، ރާތު ގައީ ބާތު ގައީ (2009) އަދި ޗެހެރާ (2005) ހިމެނެ އެވެ.
މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިރުފާން ދާދި ފަހުން ވަނީ އޭނާ 2017 ގައި ކުޅުނު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި "އަނގްރޭޒީ މީޑިއަމް" ގެ ޝޫޓިން ނިންމާލައިފަ އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 ގަ އެވެ.
"އަނގްރޭޒީމް މީޑިއަމް" ޝޫޓިން ކުރިއަށް ދަނިކޮށް ބައެއް މީޑިއާތަކުން ވަނީ ދެން އެހާ އަވަހަށް އިތުރު ފިލްމަކަށް އިރުފާން ސޮއިނުކުރާނެ ކަމަށް ބުނެފަ އެވެ. އޭނާ މި ވަގުތު ހުރީ ލަންޑަނުގައި ކުރި އޮޕަރޭޝަނަކަށް ފަހު އިންޑިއާގަ އެވެ.
ކާޖޮލް އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ "ހެލިކޮޕްޓާ އިލާ" އެވެ. އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ރިލީޒްކުރާ ފިރިމީހާ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ރޯލަކުން ކާޖޮލް ފެންނާނެ އެވެ.