18 ސެޕްޓެމްބަރ 2019 - 10:26

ބޭރުގެ ގައުމުތަކުން ނިންމާ އާބިޓްރޭޝަން މައްސަލަތައް ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ނިއު ޔޯކް ކޮންވެންޝަންގައި ރާއްޖޭން ރޭ ބައިވެރިވެއްޖެ އެވެ.
ރާއްޖޭގެ ވަޒީރުންގެ މަޖިލިހުންނާއި ރައްޔިތުންގެ މަޖިލިހުން ރުހުން ލިބުނު ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް (ނިއު ޔޯކް ކޮންވެންޝަން) ގައި ރާއްޖޭން ބައިވެރިވެވަޑައިގަތީ ރަސްމީ ދަތުރެއްގައި އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.
ރައީސް އޮފީހުން ކުރިން ބުނީ ނިއު ޔޯކް ކޮންވެންޝަންގައި ބައިވެރިވުމުގެ ބޭނުމަކީ ބޭރު ދައުލަތްތަކުގެ އާބިޓްރޭޝަން ނިންމުންތައް ބަލައިގަނެ ތަންފީޒު ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.
މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ރަނގަޅު މާހައުލެއް ގާއިމުކުރެވި، ރާއްޖެ އަށް ބޭރުގެ ގިނަ އިންވެސްޓްމަންޓްތަކެއް ވަނުމުގެ ދޮރު ހުޅުވިގެންދާނެކަން މިކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރި އިރު މެންބަރުން ފާހަގަކުރެއްވި އެވެ.
މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ރަނގަޅު މާހައުލެއް ގާއިމުކުރެވި، ރާއްޖެ އަށް ބޭރުގެ ގިނަ އިންވެސްޓްމަންޓްތަކެއް ވަނުމުގެ ދޮރު ހުޅުވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އަކީ މި ކޮންވެންޝަންގައި ބައިވެރިވި، 161 ވަނަ ގައުމެވެ.
ބަންޑާރަ ނައިބު ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިއު ޔޯކް ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވުމަކީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި އޭގައި ބައިވެރިވުމުން އިންވެސްޓަރުންގެ އިތުބާރު ލިބި، ވިޔަފާރިކުރުމަށް ފަހި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.