20 ސެޕްޓެމްބަރ 2019 - 08:18

ކާތިކް އާރިޔަން ލީޑް ރޯލް ކުޅޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ބަތަލާއަކަށް ކިއާރާ އަދުވާނީ ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދާފި ފަހުން މީޑިއާތަކުން ބުނިގޮތުގައި އަނީސް ބަޒްމީ ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާގެ ރޯލް ކުރިން ވަނީ ޝްރަދާ ކަޕޫރާއި ސާރާ އަލީ ޚާނަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ ތަރިން އެހެން ފިލްމުތަކެއްގައި ބިޒީވެގެން ވަގުތު ދެވެން ނެތުމުން ކިއާރާ އަށް ފުރުސަތު ދިނީ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ބަތަލާގެ ރޯލަށް ކިއާރާ މިހާރު ފައިނަލްކޮށްފައިވާތީ އެކަން ވަރަށް އަވަހަށް މި ފިލްމު ޕްރޮޑިއުސްކުރާ ބުޝަން ކުމާރުގެ ޓީ ސީރީޒުން އިއުލާންކުރާނެ އެވެ. ކިއާރާ އަކީ އެ ސްޓޫޑިއޯ އިން ދާދި ފަހުން ގެނެސްދިން ކާމިޔާބު ފިލްމު "ކަބީރު ސިންގް" ގެ ވެސް ބަތަލާ އެވެ.
"ބޫލް ބުލައްޔާ 2" ވެގެން ދާނީ ކާތިކާއި ކިއާރާގެ ޖޯޑު ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށެވެ. މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.
ކިއާރާގެ އަތުގައި މިހާރު ވެސް ހޮރޯ-ކޮމެޑީ ޖޯންރާގެ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ އަކްޝޭ ކުމާރާ އެކު ކުޅޭ "ލާކްޝްމީ ބޮމްބް" އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
"ބޫލް ބުލައްޔާ 2" އަކީ އަންނަ އަހަރުގެ ޖުލައި 21 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ އަކްޝޭ 2007 ގައި ކުޅުނު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައެވެ.