20 ސެޕްޓެމްބަރ 2019 - 08:16

އިންޑިއާގެ ނުފޫޒުގަދަ ހަތަރު ޑައިރެކްޓަރުވެގެން ނެޓްފްލިކްސް އަަށް ހަދައިދެމުން އަންނަ އެންތޮލޮޖީ ސިލްސިލާ ގެ ދެވަނަ ފިލްމު "ގޯސްޓް ސްޓޯރީޒް" ގައި ކަރަން ޖޯހަރު ޑައިރެކްޓްކުރާ ސެގްމަންޓްގެ ތަރިންނަށް މުރުނާލް ތާކޫރާއި އަވިނާޝް ތިވާރީ ހަމަޖައްސައިފި އެވެ.
ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ މުރުނާލް އަކީ ދާދި ފަހުން ރިލީޒްކުރި، ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ގެ ބަތަލާ އެވެ. އަވިނާޝްއަކީ މިދިޔަ އަހަރު ރިލީޒްކުރި "ލައިލާ މަޖުނޫ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ.
އަވިނާޝް އަކީ، ބަތަލާ އަނުޝްކާ ޝަރުމާ ނެޓްފްލިކްސް އަށް ތައްޔާރުކޮށްދޭ ބިރުވެރި ވެބް ސީރީޒް "ބުލްބުލް" ގެ ވެސް ބަތަލެވެ.
"ގޯސްޓް ސްޓޯރީޒް" ވާނީ ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ބިރުވެރި ފިލްމަށެވެ. އޭނާ ދާދި ފަހުން ބުނިގޮތުގައި ބިރުވެރި ފިލްމުތަކަކީ އޭނާ އެހާ ގަޔާވާ އެއްޗަކަށް ނުވިޔަސް، މި ޖޯންރާގެ ފިލްމެއް ޑައިރެކްޓްކުރުމަކީ ކެރިއަރުގައި ކޮށްލެވޭ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ. އަދި ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
"ގޯސްޓް ސްޓޯރީޒް" ގެ އަނެއް ތިން ސެގްމަންޓް ޑައިރެކްޓްކުރާނީ ޒޯޔާ އަޚްތަރާއި އަނޫރާގް ކެޝަޕާއި ދިބާކަރު ބެނަޖީ އެވެ. ޒޯޔާގެ ސެގްމަންޓްގެ ޝޫޓިން ވެސް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ އިރު، އޭގެ ތަރިންނަކީ ޖާންވީ ކަޕޫރާއި ވިޖޭ ޝަރުމާ އެވެ.
އަނޫރާގާއި ދިބާކަރުގެ ސެގްމަންޓްތަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
މިދިޔަ އަހަރު މި ހަތަރު ޑައިރެކްޓަރުން ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމަކީ "ލަސްޓް ސްޓޯރީޒް" އެވެ.