17 ސެޕްޓެމްބަރ 2019 - 22:43

ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގައި އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޓެނިސް އެސޯސިއޭޝަނާ އެކު ބީއެމްއެލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރެވެ.
ބީއެމްއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް ޓެނިހުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެންޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުން ޓެނިސް މުބާރާތަށް މިފަހަރު ދިން ސްޕޮންސާޝިޕަކީ ވަރަށް މުހިންމު ސްޕޮންސާޝިޕެއް ކަމަށެވެ. އަދި ޓެނިސް އެސޯސިއޭޝަނުން ޒުވާން ހުނަރުވެރި ކުޅުންތެރިން ތަމްރީން ކުރަމުން އަންނައިރު އެހީތެރިވެދިނުމަކީ އެ ބޭންކަށް ލިބުނު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޓެނިސް މުބާރާތް ބާއްވާތާ މިހާރު 50 އަހަރު ވެފައިވާއިރު މިއީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތެވެ.
ބީއެމްއެލުން އަންނަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. މީގެ އިތުރުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޔޫތުު ޑިވެލޮޕްމަންޓް ޕާޓްނާ އާއި ސުވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ނޭޝަންވައިޑް ޕާޓްނާއަކީ ވެސް ބީއެމްއެލް އެވެ.