މޯދީގެ ވާހަކަ ކިޔައިދޭ އާ ފިލްމެއް؛ ޕްރޮޑިއުސަރަކީ ބަންސާލީ
މޯދީގެ ވާހަކަ ކިޔައިދޭ އާ ފިލްމެއް؛ ޕްރޮޑިއުސަރަކީ ބަންސާލީ

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ އިތުރު ފިލްމެއް އުފައްދަން ނިންމައި އެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

"މަން ބައިރާގީ" ގެ ނަން ދީފައިވާ މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، ސަންޖޭ ތުރިޕަތީ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. އަންގާރަ ދުވަހު ފާހަގަކުރި މޯދީގެ 69 ވަނަ އުފަން ދުވަހާ ދިމާކޮށް، ލޯންޗްކުރި ފިލްމުގެ ޕޯސްޓަރު ދައްކައިލަން ބޭއްވި ހަފުލާގައި ޕޯސްޓަރު ނެރެދިނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ސާހޯ" ގެ ބަތަލު ޕްރަބާސް އެވެ.

"މަން ބައިރާގީ" ގެ ޕޯސްޓަރު ދައްކައިލުމާ އެކު، ބޮލީވުޑްގެ ބައެއް ތަރިން ޕޯސްޓަރު ޓްވީޓްކޮށް، މޯދީއަށާއި ފިލްމު ހަދާ ޓީމަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ.

މި ފިލްމާ ބެހޭ ގޮތުން ބަންސާލީ ހިންދުސްތާން ޓައިމްސް އަށް ބުނީ "މަން ބައިރާގީ" އަކީ ވަރަށް ބޮޑަށް ރިސާޗްކޮށްގެން ލިޔެފައިވާ ސްކްރިޕްޓެއް ކަމަށާއި މިއީ މުޅި ދުނިޔެ އަށް ވެސް ކިޔައިދެވިދާނެ ވާހަކައެއް ކަމަށެވެ.

"މިއީ ޒުވާނެއްގެ ގޮތުގައި މޯދީގެ ޝަހުސިއްޔަތު ފާހަގަވާން ފެށި ދުވަސްވަރުގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް. އަދި މީގައި އެބަހުރި ޔުނިވާސަލް އެޕީލް،" އޭނާ ބުންޏެވެ. "މަން ބައިރާގީވެގެން ދާނީ މޯދީއާ ބެހޭ ގޮތުން ކުރިން ނުދެކެވޭ ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދޭނެ އެއްޗަކަށް."

ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ބުނިގޮތުގައި "މަން ބައިރާގީ" އަކީ ކާމިޔާބު މީހެއްގެ ވާހަކަ ކިޔައިދޭ ވަރަށް ވެސް ޝައުގުވެރި ފިލްމަކަށް ވާނެ އެވެ.

ހިންދީ، ތެލެގޫ، ތަމަޅަ އަދި އިނގިރޭސި ބަހުން ގެނެސްދޭ ފިލްމު ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ފިނި މޫސުމުގަ އެވެ.

މިދިޔަ މެއި މަހު ވެސް މޯދީގެ ވާހަކަ ކިޔައިދިން ފިލްމެއް ސިނަމާތަކަށް އަ އެވެ. އެއީ އޮމަންގް ކުމާރު ޑައިރެކްޓްކޮށް، ވިވެކް އޮބެރޯއީ މޯދީގެ ރޯލް ކުޅުނު "ޕީއެމް ނަރެންދުރަ މޯދީ" އެވެ.