އައިއެސްގެ އޮޕަރޭޝަންތައް ފަށައިފި ކަމަށް ބަޣުދާދީ ބުނެފި
އައިއެސްގެ އޮޕަރޭޝަންތައް ފަށައިފި ކަމަށް ބަޣުދާދީ ބުނެފި

ބޭރޫތު (ސެޕްޓެމްބަރު 17) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައުމަށް ފަހު އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށް އެ ޖަމާއަތުގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ ބުނެފި އެވެ.

ބަޣުދާދީގެ އަޑު ކަމަށް ބުނެ އެ ޖަމާއަތުގެ އަލް ފުރުގާން ނެޓްވޯކުން އިއްޔެ އާއްމުކޮށްފައިވާ އޯޑިއޯ ރެކޯޑިންއެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮންމެ ދުވަހަކު ވެސް އޮޕަރޭޝަންތައް މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ އެޕްރީލް މަހަށް ފަހު ބަޣުދާދީގެ އަޑުން އާއްމުކުރި ފުރަތަމަ މެސެޖެވެ. އެޕްރީލް މަހު ދީފައި ވަނީ ފަސް އަހަރަށް ފަހު ބަޣުދާދީގެ އަޑުން އާއްމުކުރި ފުރަތަމަ މެސެޖެވެ.

ބަޣުދާދީގެ މެސެޖުގައި ވަނީ ޖަލުގައި ތިބި އެ ޖަމާއަތުގެ މެންބަރުންނާއި އިރާގާއި ސީރިއާގެ ކޭމްޕްތަކުގައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ އާއިލީ މީހުން ސަލާމަތް ކުރުމަށް ގޮވާލައިފަ އެވެ.

"ޖަލުތައް، ޖަލުތައް، އަހަރެމެންގެ ޚިލާފަތަށް ތާއިދުކުރާ ސިފައިން،" އިރާގާއި ސީރިއާ އިން އެއް ދުވަސްވަރެއްގައި ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރި ޖަމާއަތުގެ ލީޑަރު ބުންޏެވެ. "އަހަރެމެންގެ އަޚުންނާއި އުޚުތުން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދީ."

އިރާގާއި ސީރިއާ އިން އައިއެސް ބަލިކޮށްލުމަށް ފަހު ސީރިއާގައިވާ ކުރުދީ ސަރަހައްދުތަކުގެ ޖަލުތަކުގައި އައިއެސްގެ އެތައް ހަނގުރާމަވެރިންނެއް ވަނީ ބަންދުކޮށްފަ އެވެ. ކުރުދީ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ސީރިއާގެ އިރުއުތުރުގެ ކޭމްޕްތަކުގައި 40 ގައުމެއްގެ 12،000 މީހުން ބަންދުކޮށްފައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި 4،000 އަންހެނުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އިރާގުން އައިއެސް ބަލިކޮށްލާފައި ވަނީ ޑިސެމްބަރު 2017 ގަ އެވެ.

ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްްދުތަކުގައި އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރި ފަހުން ބަޣުދާދީ ފެނިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ އަޑުން މެސެޖްތައް ނެރެފައިވެ އެވެ.