ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އެ އޮފީހުން ކުރި އިއުލާނެއް ގައި ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރެއްވުމުން، ހުސްވެފައިވާ އެ ދެ މަގާމަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި، އިގްތިިސޯދީ ނުވަތަ ޓެކްސްއާ ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައި ހުރުން ހިމެނެ އެވެ. އަދި ސަރުކާރުގެ މާލިއްޔަތާ ބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމަކީ ވެސް އެ ދެ މަގާމަށް ކުރިމަތިލުމުގެ ޝަރުތެކެވެ.

އެ ކަންކަމުގެ އިތުރުން ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުމާއި އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ބޭފުޅަކަށް ނުވުން ހިމެނެ އެވެ.

މީރާގެ އިސް ދެ މަގާމަށް ކުރިމަތިލާން ހުޅުވާލީ ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަކަށް ހުންނެވީ ހަސަން ޒަރީރުގެ މަގާމު ހުސްވުމުންނެވެ.

އެ ގާނޫނު ކުރިން އޮތްގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެވެ.

ނަމަވެސް އަލަށް ގެނައި އިސްލާހާއެކު އެ ބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

ބިލަށް އަމަލުކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑަށް ބޭފުޅުން އައްޔަންކުރަންޖެހޭނެ އެވެ.