17 ސެޕްޓެމްބަރ 2019 - 12:20

ވޮޝިންޓަން (ސެޕްޓެމްބަރު 17) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނީގެ ދެ ޕްލާންޓަކަށް ހަމަލާ ދިނީ އީރާނުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެކަމަކު އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސައުދީ ހަމަލާގެ ތުހުމަތު އީރާނަށް ކުރައްވަންތޯ ނޫސްވެރިން ސުވާލު ކުރުމުން، އެއްވެސް ހެއްކެއް ދެއްކުމެއް ނެތި ޓްރަމްޕް ވިދާޅުވީ "އެއީ އީރާނުގެ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ" ކަމަށެވެ.
"އެކަމަކު އެކަން ސީދާކުރި ބައެއް ހޯދަން ބޭނުންވޭ. އެއްވެސް ބަޔަކާ ހަނގުރާމަ ކުރާކަށް އެމެރިކާ ބޭނުމެއް ނުވޭ. ނަމަވެސް ހަނގުރާމައަކަށް އެންމެ ބޮޑަށް ތައްޔާރުވެފައި ވަނީ އެމެރިކާ،" ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ސައުދީ އަރަބިއާގެ ދެ ޕްލާންޓަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން ސައުދީން ތެޔޮ އުފައްދާ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް ދަށްކޮށްފަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 19 ޕަސެންޓް އުފުލިފަ އެވެ. ސައުދީ އަރަބިއާ އިން ބުނެފައި ވަނީ ޑްރޯން ހަމަލާއާ ގުޅިގެން ހަ މިލިއަން ފީފާ ތެޔޮ ގެއްލުނު ކަމަށެވެ. ހަމަލާ ދިން ދެ ޕްލާންޓް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ޑްރޯން ހަމަލާ ދިން ކަމަށް ޔަމަނުގެ ހޫތީން ވަނީ އެއްބަސްވެފަ އެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ޑްރޯން ހަމަލާގައި އީރާން ބައިވެރިވެފައިވާކަމުގެ ސެޓެލައިޓް ފޮޓޯތަކާއި އިންޓަލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.