19 ސެޕްޓެމްބަރ 2019 - 07:33

ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު "ޕަލް ޕަލް ދިލް ކޭ ޕާސް" ކިޔާ ލޯބީގެ ފިލްމަކުން ބޮލީވުޑަށް ތައާރަފުވާން އުޅޭއިރު، އެ ފިލްމަކީ އާ ކަމެއް ނެތް، ހަމަ ކުރީގެ ތައްގަނކަށް ހަދާފައިވާ މި ޒަމާނެއް ނުފެތޭ ފިލްމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ޕްރޮޑިއުސަރު ޕެހްލާޖް ނިހަލާނީ ރައްދު ދީފި އެވެ.
ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުއްޓައި، ބޮލީވުޑުން ކުރިމަތި ކުރި ޕްރެޝަރުތަކާ ހެދި އެ މަގާމުން މީގެ ދެ އަހަރު ކުރިން ވަކިކުރި ނިހަލާނީ ބުނީ ބޮލީވުޑުން މިހާރަކު "އައުޓްޑޭޓް" ނޫން އެއްޗެއް ނުފެންނަ ކަމަށެވެ. އެހެންވެ އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުނުކިޔޭނެ ކަމަށް ބުންޏެވެ.
"ކުރިން އެހާ ކަމުނިދިޔަ އެއްޗެހި މިހާރު މާ ކަމުދާ އެއްޗިއްސަށްވެގެން ވެސް އެބައުޅޭ. އަދި މިއަދު ކަމުނުދާ ކަމަށް ބުނާ އެއްޗެއް މާދަމާ މާ ކަމުދާ އެއްޗަކަށް ވެސް ވެދާނެ. މިއީ ހަގީގަތުގައި މިހާރު ބޮލީވުޑުން ފެންނަ ޓްރެންޑަކީ،" ދާދި ފަހުން ރަންގީލާ ރާޖާ ކިޔާ ފިލްމެއް ގެނެސްދިން ޕްރޮޑިއުސަރު ބުންޏެވެ. "ހިންދީ ސިނަމާގައި އާ ހިޔާލުތަކާއި ވިސްނުން ވަރަށް މަދު. މިހާރު ކުރާހާ ވެސް ކަމަކީ ކުރީގެ ކޮންމެވެސް ކޮންސެޕްޓެއް އެހެން ގޮތަކަށް ޕްރެެންޓްކޮށް ދެނީ."
އޭނާ ބުނިގޮތުގައި ބޮލީވުޑުން މިފަހަކަށް އައިސް އެހާ އާ ހިޔާލުތަކެއްގެ އުފެއްދުންތަކެއް ނުފެނެ އެވެ. އެގޮތުން މިހާރު ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް" އަކީ ބާވެފައި އޮތް ކޮންސެޕްޓެއް ކަމަށް ބުންޏެވެ. އެ ފިލްމުގައި ކިޔައި ދެނީ އަންހެން އަޑުން ވާހަކަ ދައްކާ ފިރިހެނަކު ކޯލް ސެންޓަރެއްގައި އަދާކުރާ ވަޒީފާއެއްގެ ސަބަބުން ކުރިމަތިވާ ހެއްވާ މަޖާ ހާދިސާތަކެކެވެ.
ނިހަލާނީ ބުނިގޮތުގައި އޭނާ މީގެ 29 އަހަރު ކުރިން ގެނެސްދިން 1992 ގެ ފިލްމު "ޝޯލާ އޯރް ޝަބްނަމް" ގައި ގޯވިންދާ އަންހެން އަޑުން ވާހަކަ ދައްކައިގެން، އަނޫޕަމް ކޭރްގެ ހިތް އަތުލަން މަސައްކަތްކުރާ ގޮތް ދައްކުވައި ދީފައިވެ އެވެ.
"އަހަރެން ނުބުނަން ޑްރީމް ގާލް އަކީ އަހަރެންގެ ފިލްމުގެ ކޮޕީއެކޭ. އެނގޭ ކަމަކީ ކޮންސެޕްޓްތައް މިހާރު އާ ނޫންކަން. މުޅިން އާ ކާސްޓަކާ އެކު، ކުރީގެ ކޮންސެޕްޓްތައް ސިނަމާގައި ތަފާތު ގޮތްގޮތަށް ޕްރެޒެންޓްކޮށްދޭ ތަން މިހާރު ފެންނަނީ،" އޭނާ ބުންޏެވެ.
އެހެންވެ މިކަހަލަ ސަބަބުތަކެއް ހުރުމާ އެކު ކަރަންގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އަށް ފާޑުކިޔުމަކީ އިންސާފެއް ނޫން ކަމަށް ނިހަލާނީ ބުންޏެވެ. އޭނާ ބުނީ ޒުވާން އެކްޓަރަށް ފާޑުކިޔަނީ ސަނީގެ ދަރިއަކަށްވާ ނަމަ އެ ފާޑުކިޔުންތައް ވެސް ހައްގު ނޫން ކަމަށެވެެ.
"ފިލްމު ރިލީޒްކުރުމުގެ ކުރިން ކަރަންއާ ބެހޭ ގޮތުން ހިތްމަރުވާ ކަހަލަ ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އެއީ ސަނީގެ ދަރިއަކަށްވީތީ ކުރާ ކަމެއްވާ ނަމަ އެއީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" ނިހަލާނީ ބުންޏެވެ. "މީހަކު ޖަޖްކުރަން ވާނީ އެ މީހަކު ދައްކާ ހުނަރާއި ގާބިލިއްޔަތަކަށް ބަލާފައި. ހިނގާ ނިކަން ބަލަން ތިބެމާ އެ ކުއްޖާ އަށް ކިހާ ވަރެއްގެ ހުނަރެއް ދެއްކޭތޯ. އޭގެ ފަހުން އަހަރެމެން އޭނަ ޖަޖްކުރަންވާނީ."
ދަރިފުޅު ކަރަން އާއި އަލަށް ތައާރަފުކުރާ ބަތަލާ ސަހެރް ބާމްބާ ހިމަނައިގެން ސަނީ ޑައިރެކްޓްކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ރިލީޒްކުރާނީ ހުކުރު ދުވަހު އެވެ.