17 ސެޕްޓެމްބަރ 2019 - 13:46

މިހާރު ހަދަމުންދާ ބައެއް ގާނޫނުތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ޖައްމު ކަޝްމީރުގެ ގާނޫނަކުން މިސާލު ނަންގަވައި ފާއިޒް ފޭސްބުކްގައި ވިދާޅުވީ އެ ގައުމުގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ފާރޫގު އަބްދުﷲ ހައްޔަރުކުރީ އެއްވެސް ކަހަލަ ތަހުގީގަކާއި ޝަރީއަތެއް ނުކޮށް ދެ އަހަރަށް ޖަލަށްލުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭގޮތަށް ހަދާފައިވާ ގާނޫނަކުން ކަމަށެވެ. އެއީ ކަޝްމީރުގެ ގާނޫނުއަސާސީއާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނަކަށް ވިއަސް އެ ގާނޫނު ތަންފީޒުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާއަކީ ޑިމޮކްރަސީގައި ކުރިއަރާފައިވާ ގައުމަކަށް ވިއަސް ތަހުޒީބު ޑިމޮކްރަސީއެއް ނޫން ކަމަށާއި އެމެރިކާއަކީ ވެސް އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި ކުރީގައި އޮތް ގައުމެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ އެއީ ކުރިއަރާފައިވާ ތަހުޒީބު މުޖުތަމައުތައް ކަމަށް ބަލައިގަނެ އެ މީހުން ކަންކަން ކުރާ ގޮތަށް ރާއްޖޭގެ ގާނޫނުތައް ބައްޓަންކުރަންވީތޯ ފާއިޒް ސުވާލު އުފެއްދެވި އެވެ.
މިހާރު ހަދަމުންދާ ގާނޫނުތަކާއި ހުށަހަޅަމުންދާ އިސްލާހުތަކާ ގުޅޭގޮތުން ފާއިޒް ކަންބޮޑުވުން ފާޅުކުރެއްވިއިރު، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލެއް މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އޭގައިވާ ގޮތުން ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގައި، ކޯޓު އަމުރެއް ނެތި ފުލުހުންނަށް މީހުން ހައްޔަރުކުރުމުގެ ބާރު އޮތީ ދީފަ އެވެ.
އޭގެ އިތުރުން ވެސް ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކުން ފުލުހުންނަށް ބޮޑު ބާރެއް ދޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.