19 ސެޕްޓެމްބަރ 2019 - 07:30

ލިބިފައިވާ އަސްލު ހުނަރުތައް ދައްކައިލެވޭ ކަހަލަ ޕްރޮޖެކްޓެއް އަދި ނުލިބޭ ކަމަށާއި އެކަހަލަ ފުރުސަތަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ކަމަށް ބަތަލާ އުރްވަޝީ ރޮޓޭލާ ބުނެފި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ތަމްސީލު ވެސް ކުރި 25 އަހަރުގެ ބަތަލާ ބުނިގޮތުގައި ރަނގަޅު ފިލްމެއް ލިބިގެން ނޫނީ މީހާގެ ހަގީގީ އަސްލު ހުނަރު ދައްކައެއް ނުލެވޭނެ އެވެ. އަދި އެވަރުގެ ފިލްމެއް މިހާތަނަށް ލިބިފައިނުވާތީ ބޭނުންވާ ފެންވަރަށް ހުނަރު ދެއްކިފައި ނުވާ ކަމަށް، ފިލްމު "ސިންގް ސާހަބް ދަ ގްރޭޓް" އިން 2013 ގައި ބޮލީވުޑަށް ތައާރަފުވި އުރްވަޝީ ބުންޏެވެ.
"ފިލްމު ކުޅޭ މީހަކަށް ވިޔަސް ލަވަކިޔުންތެރިއަކަށް ވިޔަސް އެ މީހާގެ ހުނަރު ދައްކައިލެވޭ ފެންވަރުގެ ފުރުސަތެއް ނުލިބޭ ކަމަށް ވަންޏާ އެ މީހެއްގެ އަސްލު ޓެލެންޓް ދައްކައެއް ނުލެވޭނެ،" ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރާ އެކު ކުޅުނު އާ ވީޑިއޯ ލަވަ "ބިޖިލީ ކާ ތާރު" ރިލީޒްކުރަން ބޭއްވި ހަފުލާގައި އުރްވަޝީ ބުންޏެވެ.
އޭނާ ބުނިގޮތުގައި ބޮލީވުޑުން ރަނގަޅު ފުރުސަތުތަކެއް ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް އުންމީދުކުރެ އެވެ. އަދި ރަނގަޅު ފުރުސަތުތައް ލިބޭނެ ނަމަ، ކޮންމެ މީހަކަށް ވެސް ކުރިއަށްދާން މަގުފަހިވާނެ ކަމަށް ބުންޏެވެ.
އުރްވަޝީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ނޮވެމްބަރު 22 ގައި ރިލީޒްކުރާ މަލްޓި ކާސްޓް ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭހގައި ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، އަނިލް ކަޕޫރް، ކްރިތީ ކަރްބަންދާ، ޕުލްކިޓް ސަމްރާޓް އަދި އަރުޝަދު ވަރްސީ ހިމެނެ އެވެ.
އުރްވަޝީ ކުޅުނު ފިލްމުތަކުގެ ތެރޭގައި ސަނަމް ރޭ (2016)، ގްރޭންޑް ގްރޭންޑް މަސްތީ (2016) އަދި މިދިޔަ އަހަރުގެ "ހޭޓް ސްޓޯރީ" ހިމެނެ އެވެ.