18 ސެޕްޓެމްބަރ 2019 - 08:27

ފިލްމު "ޝުދް ދޭސީ ރޮމޭންސް" އިން 2013 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާ ވާނީ ކަޕޫރަކީ މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދުނު ބަތަލާއެއް ނޫނެވެ. އޭނާ މިހާތަނަށް ކުޅުނީ ވެސް ފިލްމީ ދާއިރާ އަށް ނެރެދިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުތަކެއް އެކަންޏެކެވެ.
އޭގެ ތެރޭގައި 2016 ގައި ރިލީޒްކުރި "ބޭފިކްރޭ" އާއި މިހާރު ރިލީޒްވާން ތައްޔާރުމުން އަންނަ "ވޯ" އާއި އަންނަ އަހަރު ރިލީޒްކުރާ "ޝަމްޝޭރާ" ހިމެނެ އެވެ. ވާނީ ދެން ކުޅެފައި ވަނީ ތަމަޅަ ފިލްމެކެވެ. އެއީ 2014 ގައި ރިލީޒްކުރި "އާހާ ކަލިޔަނަމް" އެވެ.
ބޮލީވުޑްގެ އެހެން ބަތަލާއިންނާ ހިލާފަށް ވާނީ އަކީ ފުރުސަތުތައް ލިބުން މަދު ބަތަލާއެކެވެ. އެހެންވެ އޭނާ ބުނަނީ އެއްވެސް ބަތަލާއަކާ ވާދަވެރި ކަމެއް ނެތް ކަމަށެވެ. އުމުރުން 31 އަހަރުގެ ބަތަލާ ބުނީ އެހެން ބަތަލާއިންގެ ކެރިއަރު ދާގޮތާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި އަބަދު ވެސް އޭނާ ބޭނުން ވަނީ ކުޅެން ލިބޭ ރޯލަކަށް 100 ޕަސެންޓް ދޭން ކަމަށެވެ.
"އަހަރެން އެއްވެސް ބަތަލާއަކާ ވާދައެއް ނުކުރަން. އަދި ކުރާކަށް ބޭނުމެއް ވެސް ނޫން. އެކަމަކު އަހަންނަކީ ކުޅެން ލިބޭ ރޯލްތަކަށް އަބަދުވެސް ސަތޭކަ ޕަސެންޓް ދޭން މަސައްކަތްކުރާ މީހެއް،" ވާނީ ބުންޏެވެ.
އޭނާ ބުނިގޮތުގައި މި ފަހަކަށް އައިސް ޒުވާން އާ ބަތަލާއިންތަކެއް ބޮލީޑަށް ތައާރަފުވަމުން ދިޔަ ނަމަވެސް އެއްވެސް ޕްރެޝަރެއް ނެތެވެ. އެގޮތުން ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރް ފަދަ ބަތަލާއިން ބޮލީވުޑަށް ނުކުތުމަކީ ކުރިއެރުމެއް ކަމަށް ބުންޏެވެ.
"އަބަދު ވެސް އާ ތަރިން ނުކުންނާނެ. އޭގެ މާނައެއް ނޫން ދެން ތިބޭ ބަތަލާއިންނަށް ކުރިއަށްދާން ދަތިވާނެއެކޭ. ޕްރެޝަރު ބޮޑުވާނެއެކޭ" ވާނީ ބުންޏެވެ. "ކޮންމެ ތަރިއަކު ވެސް ބޭނުން ވާނީ އެ މީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރަން."
އަންނަ މަހުގެ 2 ގައި ރިލީޒްކުރާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ބުނިގޮތުގައި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ބަތަލުގެ ރޯލް ކުޅެފައިވާ ފިލްމުގައި ވާނީ ފެނިގެންދާނީ ވަރަށް މުހިއްމު ކެރެކްޓާއަކުންނެވެ. އެކަމަކު އެއީ ވަރަށް ކުޑަކުޑަ ރޯލެއް ކަމަށް ބުންޏެވެ.
ވާނީ ބުނިގޮތުގައި ފިލްމަކަށް އޭނާ އެއްބަސްވާ އިރު، އެ ފިލްމަކުން ލިބޭ ސްކްރީން ޓައިމަކަށް ނުބަލަ އެވެ. އޭގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ލިބޭ ކެރެކްޓާގެ މުހިއްމުކަމާއި ވަރުގަދަކަމަށެވެ.
ރަންބީރު ކަޕޫރާ އެކު ވާނީ ފެނިގެންދާ ފިލްމު "ޝަމްޝޭރާ" އަކީ އަންނަ އަހަރުގެ ޖުލައި 31 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.