17 ސެޕްޓެމްބަރ 2019 - 09:13

ލިވަޕޫލް (ސެޕްޓެމްބަރު 17) - ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ މުސްތަގުބަލާ ބެހޭގޮތުން އޭނާގެ އޭޖެންޓް މާކް ކޮސީކާ މީޑިއާގައި ދެއްކި ވާހަކަތަކުގެ ތެރެއިން ޖެހި ޖޯކެއް މީޑިއާ އިން މާނަ ނެގީ ގޯސްކޮށް ކަމަށް ބުނެ އެކަން މީޑިއާ އަށް ކްލޮޕް އޮޅުންފިލުވައިދީފި އެވެ.
ލިވަޕޫލާ އެކު ކްލޮޕް ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އެ ޓީމުން އަންނަނީ އެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާކުރަމުންނެވެ. ޖަރުމަނު މީޑިއާ އަކަށް އޭޖެންޓް ކޮސީކާ ދިން އިންޓަވިއުއެއްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އެކަމާ ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް ކްލޮޕް ލިވަޕޫލް ނޫން ކްލަބަކަށް ބަދަލުވެދާނެ ކަމަށެވެ. އެ ގޮތުން އިންގްލެންޑްގައި ފިނި މޫސުން ދިގުލައިދާތީ އުނދަގޫތަކެއް ހުރުމުން އޭނާ އެހެން ގައުމަކަށް ގޮސްދާނެ ކަމަށް ކޮސީކާ ބުނެފައިވެ އެވެ.
ކްލޮޕް ބުނީ ކޮސީކާގެ އެ ވާހަކަތަކަކީ ޖަރުމަނު މީހުން ދިރިއުޅުމުގައި މޫސުމާ އެކު އަންނަ ބަދަލުތަކަށް މަޖާޒީ ގޮތަކަށް ދައްކާ ވާހަކަތަކެއް ކަމަށާއި އިންގްލެންޑްގެ މޫސުމާ މެދު އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި އެއީ އޭނާ (ކޮސީކާ) ޖެހި ޖޯކެއް. އެކަމަކު މިކަން ސީރިއަސްވުމުން ކަން އޮތްގޮތް އެބަޖެހޭ އޮޅުން ފިލުވައިދޭން. އަހަންނަށް ވެސް މޫސުމާ އެ ނޫން ކަންކަމާ ގުޅުވައިގެން ވަރަށް ބައިވަރު ޖޯކުތަކެއް ކީދާނެ. އެކަމަކު ހަގީގަތަކީ އިންގްލެންޑްގެ މޫސުމާ މެދު އަހަރެންގެ ކަންބޮޑުވުމެއް ނެތްކަން،" ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.
"މޫސުމާ ބެހޭގޮތުން އަހަރެން ވަރަށް ގިނައިން ވާހަކަ ދައްކާފައި ހުންނާނެ. އެއީ މެޗަށް ފުޓްބޯޅައިގެ ސަބަބުން ކުރާ ގޯސް އަސަރުގެ ވާހަކަ. ފަހުން އެނގުނީ އިންގްލެންޑް މީހުންނަށް އެ ވާހަކަތައް ކަމުނުދާކަން. އެކަމަކު އޭގެ ސަަބަބުން އަހަރެން މި ގައުމު ދޫކޮށްދާން ޖެހޭ ސަބަބެއް ނެތް."
ކްލޮޕް ވަނީ މީގެ ކުރިން ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ފުޓްބޯޅައިން ބްރޭކެއް ނެގުމުގެ ވިސްނުން ހުރި ކަމަށް ބުނެފަ އެވެ. އެކަމަކު ލިވަޕޫލުން އޭނާއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއް މަޝްވަރާކުރަމުން އަންނާތީ އެ ކަމާ ބެހޭގޮތުން މި ވަގުތު ވާހަކަ ދައްކަން ބޭނުމެއްނުވެ އެވެ.
"އޭނަ (ކޮސީކާ) ދެއްކި ވާހަކަތަކަށް މީހުން (މީޑިއާ) މާ ބޮޑަށް ސީރިއަސްވީ. އޭނަ ޖެހި ޖޯކު އެންމެނަށް ކިޔައިދޭން މި ޖެހުނީ އަހަރެން. މީހާ ފިނިވެފައި ހުރުމާއި ހޫނުގައި މަސައްކަތް ކުރުމަކީ ތަފާތު ކަންތައްތައް. އެއީ ދިރިއުޅުމުގެ ތަޖުރިބާތަކެއް،" ކްލޮޕް ބުންޏެވެ.
މިދިޔަ އަހަރު ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުމުން އެ ޓީމާ އެކު އޭނާ ކުރަން ހުރި މަސައްކަތްތައް ނިމުނީ ނޫން ކަމަށާއި މިހާރު އޮތް ޓީމު އޮތީ އިތުރު ކާމިޔާބީތަކަށް އޮތީ ފެންބޮވައިގެންފައި ކަމަށް ކްލޮޕް ބުންޏެވެ. އަދި އެ ޒިންމާ އަދާކުރުން އޭނާ ބޮލުގައި އެޅިފައި އޮތުމަކީ އެންމެ ހަމަޖެހިލައިގެން ހުންނަން ފަސޭހަކަމަކަށް ނުވާނެ ކަމަށް ބުންޏެވެ.
ނަޕޯލީ އާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.