16 ސެޕްޓެމްބަރ 2019 - 22:24

ސްކޫލު ނިޒާމުގެ ތެރެއިން ހުނަރުތަކާއި ފަންނުވެރިކަން ދަސްކޮށްދީ، އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ހަދަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު މިރޭ ވިދާޅުވެއްޖެ އެވެ.
ފަންނު އެކްސްޕޯ އިފްތިތާހު ކުރުމަށް އާޓް ގެލެރީގައި އޮތް ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ރާއްޖެ އަކީ ހުނަރުވެރިން ތިބި، ފަންނުވެރިންގެ ގޮތުގައި މުޅި ދުނިޔެއަށް ގޮންޖަހާލެވޭ ވަރުގެ ކުޅަދާނަ މީހުން އުޅޭ ގައުމެއް ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ މިފަދަ ފަންނުވެރި މަސައްކަތްތައް ބީވެގެން، އުވެމުންދާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަށީގެން ސަމާލުކަމެއް ޒުވާނުންނަށް ނުދިނުމުގެ ސަބަބުން މި މަސައްކަތްތައް ވަނީ ހީނަރުވެފައި. ސްކޫލު ނިޒާމުގެ ތެރެއިން ވެސް ހުނަރުތަކާ ފަންނުވެރިކަން ދިވެހި ދަރިވަރުންނަށް ދަސްކޮށްދީ ރާއްޖެ އަކީ އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް އެންމެން މަސައްކަތް ކޮށްގެން ހޯދަންޖެހޭ،" ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި މަސައްކަތްތައް ބީވެގެންދާ ސަބަބުތައް ހޯދަންޖެހޭ ކަމަށާއި އެ ކަންކަމަށް އަވަސް ހައްލުތައް ބޭނުންވާ ކަމަށެވެ.
ފަންނު އެކްސްޕޯ ބޭއްވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު މަހު އެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މި މައުރަޒުގައި 250 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. މި އެކްސްޕޯ ހާއްސަކޮށްފައިވަނީ ދިވެހި އުފެއްދުންތަކާއި ދިވެހި ވިޔަފާރިވެރިންނަށެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެންނެވި އިރު އެރަށްތަކުން ވެސް އެންމެ ބޮޑަށް ފާޅުކުރި ކަންބޮޑުންތަކަކީ ހުނަރުތައް އާލާކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށެވެ.
ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަކީ ދިވެހިންކަން އެންމެ ފުރިހަމަ އަށް ފެންނަ މަސައްކަތްތައް ކަމުގައި ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ރިސޯޓުތަކުގައި ވެސް ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ ގޮތްތައް ހައްދަވާނެ ކަމަށެވެ. ހުނަރުވެރި މަސައްކަތްތައް އާލާވާނީ އެކަން ކަމުން ރަނގަޅު މަންފާއެއް ލިބިގެން ކަމަށާއި މި ކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.