ފުރާނައަށް ނުރައްކާ އިންފެކްޝަނެއް ބުޅަލުގެ ސަބަބުން ޖެހޭ
ފުރާނައަށް ނުރައްކާ އިންފެކްޝަނެއް ބުޅަލުގެ ސަބަބުން ޖެހޭ

އިންސާނުންގެ ފުރާނައަށް ނުރައްކާ ފަދަ އިންފެކްޝަނެއް ބުޅަލުގެ ސަބަބުން ޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

"ކެޓް-ސްކްރެޗް ޑިޒީޒް" ގެ ނަން ދީފައިވާ މި ބަލި ޖެހުމުން ގަދަޔަށް ހުންނަ އައިސް ދޮސް ބިހިތަކެއް ނަގަ އެވެ. ރަނގަޅަށް ފަރުވާ ނުދެވި، ބޮޑުވަރު ވެއްޖެ ނަމަ މިއީ ފުރާނަ އަށް ނުރައްކާ ފަދަ ސިއްހީ މައްސަލައެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ވަރަށް ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ މި ބަލި ޖެހެނީ ބުޅަލުގައި އުޅޭ އުކުނެއްގެ ސަބަބުން ކަމަށާއި މި ސޫފި އިންސާނުންނަށް ވާސިލްވަނީ ބުޅަލަށް ދޮން ދިނުމާއި އޭގައި ފިރުމުމާއި ބުޅާ ދަތް އެޅުން ފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.

ބުޅަލުގެ އިތުރުން، އޮޅުނުކޮށް ގެންގުޅޭ އެހެން ބައެއް ޖަނަވާރުގެ ސަބަބުން ވެސް މި އިންފެކްޝަން ޖެހިދާނެ ކަމަށް ދިރާސާގައި ބުނެފައިިވެ އެވެ.

"ބުޅަލުގެ ސަބަބުން މި ބަލި ޖެހުމާއި މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ބޮޑު،" ސީޑީސީގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ކްރިސްޓީނާ ނެލްސަން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ "ކެޓް-ސްކްރެޗް" ގެ ނުރައްކަލުން ސަލާމަތް ވެވޭނެ ކަމަށެވެ. އެގޮތުން މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ކޮން ބަޔަކަށްތޯ ބަލައި ބަލީގެ ހަގީގަތް އިތުރަށް ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެ ކަމަށް ވިދާޅުވި އެވެ.

ބުޅަލާއި އޮޅު އެހެން ޖަނަވާރު ގެންގުޅޭއިރު، ކިތަންމެ ސާފުތާހިރުކޮށް ގެންގުޅު ކަމުގައި ވިޔަސް އޭގައި އަތްލައިފި ނަމަ ރަނގަޅަށް އަތް ދޮވެ ސާފުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވަ އެވެ. އަދި ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު، އޮޅު ނޫން ޖަނަވާރުތަކާ ކައިރި ވިޔަ ނުދިނުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން މުހިންމު ކަމެއްކަން ޑޮކްޓަރުން ފާހަގަކުރައްވަ އެވެ.

މިއީ އަށް އަހަރުގެ މުއްދަތަކަށް، ކެޓް-ސްކްރެޗް ޑިޒީޒްގެ 13،000 ކޭހަކާ ބެހޭ ގޮތުން އެއްކޮށްފައިވާ މައުލޫމާތު ބޭނުންކޮށްގެން ކުރި ދިރާސާއެއްގެ ނަތީޖާ އެވެ. ކެޓް-ސްކްރެޗް ޑިޒީޒް އަށް ޑައިނޯޒްކޮށްފައި ވަނީ ޑޮކްޓަރަށް ދެއްކި ކޮންމެ 100،000 މީހެއްގެ ތެރެއިން 4.5 ކަމަށް ދިރާސާއިން ދައްކަ އެވެ. މިއީ މަދު އަދަދެއް ނަމަވެސް މިއީ ކުރިން ހީކުރި ވަރަށް ވުރެ މަތީ އަދަދެއް ކަމަށާއި އެކަމަކު މި ބަލީގައި މަރުވެފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ މީހުން ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.