ފީފާ ގޭމުން އައިސްލެންޑަށް ފުރުސަތެއް ނެތް
ފީފާ ގޭމުން އައިސްލެންޑަށް ފުރުސަތެއް ނެތް

ލަންޑަން (ސެޕްޓެމްބަރު 21) - މި ފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް، މުޅި ދުނިޔޭގެ ސަމާލުކަން ހޯދި އައިސްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމު މަޝްހޫރު ވީޑިއޯ ގޭމް ފީފާގެ މި އަހަރުގެ އެޑިޝަންގައި ނުހިމެނޭނެ އެވެ.

އައިސްލެންޑް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ގޭމުގައި އެ ގައުމު ހިމަނަން ވަރަށް ބޭނުންވި ކަމަށާއި އެކަމަކު ގޭމް ތައްޔާރުކުރާ އީއޭ ސްޕޯޓްސް އިން، އައިސްލެންޑް ފުޓްބޯޅަ ޓީމުގެ ރައިޓްސް ގަންނަން ހުށަހެޅީ މާ ކުޑަ އަގެއް ކަމަށެވެ.

"އައިސްލެންޑް ފުޓްބޯޅަ ޓީމުގެ ރައިޓްސް ހޯދަން ހުށަހެޅީ 15،000 އެމެރިކާ ޑޮލަރު. އެއީ އުއްމީދުކުރި ވަރަށް ވުރެ މާ ކުޑަ އަގެއް،" އައިސްލެންޑް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ގެއާ ތޯސްޓެެއިންސެން ވިދާޅުވި އެވެ.

ޔޫރޯ އިން އިންގްލެންޑް ކަޓުވާލި އައިސްލެންޑުން ހުށަހެޅި އަގަށް އީއޭ ސްޕޯޓްސް އިން ވެސް އެއްބަހެއް ނުވި އެވެ.

"އެ ފަރާތުން ރައިޓްސް ގަންނަން ބޭނުންވީ ގާތްގަނޑަކަށް ހިލޭ،" ތޯސްޓެެއިންސެން ވިދާޅުވި އެވެ. "ޔޫރޯގައި ދެއްކި ކުޅުމުން އެނގިއްޖެ އަހަރެމެންނަކީ ވަރުގަދަ ޓީމެއްކަން. ވަރަށް ގިނަ ބަޔަކު ބޭނުންވާނެ އައިސްލެންޑް ނަގައިގެން ކުޅެން. ކުޅުންތެރިންނަށް މިއީ ދެރައެއް. އެކަމާ ފާޑުކިޔުން އަމާޒުވާން ޖެހޭނީ އީއޭ ސްޕޯޓްސް އަށް."

މީގެ ކުރިން އައިސްލެންޑަށް މި ގޭމުން ފުރުސަތު ނުލިބުނު ނަމަވެސް، ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި އަދި ދުނިޔޭގެ ރޭންކިންގެ 27 ވަނަ އަށް އެރުމުން އެ ޓީމުން އުއްމީދުކޮށްގެން ތިބީ ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަކު އަންނަ ހަފުތާގައި ރިލީޒްކުރާ ގޭމުގައި ޔޫރޯގައި އައިސްލެންޑުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފެނުނު މަޝްހޫރު އަތްތިލަބަޑި ހިމެނޭނެ އެވެ.

މި ފަހަރުގެ ގޭމުގައި ދުނިޔޭގެ 47 ގައުމެއް ހިމެނޭނެ އެވެ. ރޭންކިންގެ އެންމެ ދަށް ޓީމަކަށް ހިމެނެނީ ދުނިޔޭގެ 148 ވަނައިގައި އޮތް އިންޑިއާ އެވެ. ދުނިޔޭގެ އެންމެ މަގުބޫލު އެއް ގޭމުން ރާއްޖޭގެ ގައުމީ ޓީމަށް ފުރުސަތު ލިބިފައިވަނީ 1997 ވަނަ އަހަރެވެ.