16 ސެޕްޓެމްބަރ 2019 - 17:42

މޯލްޑިވިއަން އިން ޓްރިވެންޑްރަމްގައި އެ އެއާލައިންގެ އޮފީހެއް ހުޅުވައިފި އެވެ.
މޯލްޑިވިއަން އިން ޓްރިވެންޑްރަމަށް ދަތުރުތައް ފެށީ 2008 ވަނަ އަހަރު އެވެ. މިދިޔަ 11 އަހަރު ޓްރިވެންޑްރަމުން ހިދުމަތްތައް ދެމުން އައީ އޭޖެންޓުން މެދުވެރިކޮށެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މޫސާ ވަސީމް ވިދާޅުވީ، ޓްރިވެންޑްރަމްގައި ހުޅުވި އޮފީހުން، ކަސްޓަމަރުންނަށް ވީހާ ވެސް ގާތުން ހިދުމަތްތައް ދެވޭނެ ކަމަށެވެ.
"އެ އޮފީހުން މޯލްޑިވިއަން އެހެން ހުރިހާ އޮފީހަކުން ދޭ ހިދުމަތްތައް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޓްރިވެންޑްރަމްގެ ޕޫތީ ރޯޑްގައި ހުޅުވި މި އޮފީހުން ޓިކެޓް ނެގުމާއި ފްލައިޓްތަކާ ގުޅޭ މައުލޫމާތު ސާފުކުރެވޭނެ އެވެ.
މޯލްޑިވިއަން އިން އަންނަނީ ޓްރިވެންޑްރަމަށް ކޮންމެ ދުވަހަކު ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން އެ އެއާލައިންގެ ދަތުރުތައް އިތުރު މަންޒިލްތައް ފުޅާ ކުރުމަށް މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.