16 ސެޕްޓެމްބަރ 2019 - 15:44

ރިޔާޒް (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ އުފައްދާ ދެ ޕްލާންޓަކަށް ޔަމަނުގެ ހޫތީން ދިން ޑްރޯން ހަމަލާގައި ހަ މިލިއަން ފީފާ ތެޔޮ ގެއްލުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސައުދީ އަރަބިއާގެ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ވިދާޅުވެފައި ވަނީ ތެޔޮ އުފައްދާ މިންވަރު ދަށްކުރުމުން ސަޕްލައި އިން މަދުވާ ބައިގެ ކޮންމެވެސް މިންވަރެއް އަރާމްކޯގެ ތެލުގެ ސްޓޮކުން ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް 1990 ވަނަ އަހަރު އިރާގު ސިފައިން ކުވޭތަށް އެރުމުން ފެށި ގަލްފު ހަނގުރާމަ އަށް ފަހު މިވާ ބޮޑަށް ތެލުގެ މާކެޓަށް ބުރޫ އަރައިފައެއް ނުވެ އެވެ. ގެއްލުން ލިބުނު ޕްލާންޓްތައް ރިޕެއާ ކުރަން ކިހާ ދުވަހެއް ނަގާނެ ކަމެއް އަދި ނޭނގެ އެވެ.
ހޫތީންގެ ހަމަލާއާ ގުޅިގެން ސައުދީން ގެއްލިގެން ދިޔައީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ހަ ޕަސެންޓެވެ. ހަމަލާއާ ގުޅިގެން ސައުދީން ވަނީ ތެޔޮ އުފައްދާ މިންވަރު ދެބައިކުޅަ އެއްބަޔަށް މަަދުކޮށްފަ އެވެ. ސައުދީން މިހާރު އުފައްދަނީ ދުވާލަކު 5.7 މިލިއަން ފީފާ ތެލެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައުދީން މީގެ ކުރިން ދުވާލަކު ނުވަ މިލިއަން ފީފާ ތެޔޮ ސަޕްލައިކުރެ އެވެ. ދުނިޔޭގައި އުފައްދާ ތެލުގެ ގާތްގަނޑަކަށް 10 ޕަސެންޓް ހިއްސާކުރަނީ ސައުދީ އެވެ.
ޑްރޯން ހަމަލާ ދިން އަބްގައިގު އޮންނަނީ ސައުދީގެ އީސްޓަން ޕްރޮވިންސްގެ ހުޅަނގު ދެކުނުން 60 ކިލޯމީޓަރު (37 މޭލު) ދުރުގަ އެވެ. ޚުރައިސް އޮންނަނީ ހުޅަނގު ދެކުނުން 200 ކިލޯ މީޓަރު ދުރުގަ އެވެ. އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓުން ދުނިޔޭގެ ތެލުގެ ހަތް ޕަސެންޓް އުފައްދަ އެވެ. ޚުރައިސްގެ އޮއިލްފީލްޑްތަކުން ދުނިޔޭގެ ތެލުގެ އެއް ޕަސެންޓް އުފައްދަ އެވެ. ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަނީ ޚުރައިސްގަ އެވެ.