16 ސެޕްޓެމްބަރ 2019 - 15:52

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބުކްޝޮފް ހިންގަމުން އައި "މިލިއަން" ކުންފުނިން ރީޓެއިލް ބޮޑު ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މިލިއަން ކުންފުނިން މާޓެއް ހުޅުވީ މި ހުޅުވީ އަލަށެވެ. އެ ފިހާރައިގެ މެނޭޖަރު ތޮލާލް އަބްދުލް އަޒީޒު ވިދާޅުވީ، މާޓެއް ހުޅުވީ، މުޅިން ތަފާތު ވިޔަފާރިއަކަށް ވަނުމުގެ ބޭނުމުގައި ކަމަށެވެ.

"މިހާރު އަނެއްކާ 24 ގަޑިއިރަށް ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ފުރުސަތު އެބައޮތް. އާންމުކޮށް މިކަހަލަ މާޓުތަކަށް ބޮޑު ތަރުހީބެއް ލިބޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހުޅުވި، މި ފިހާރަ އަށް މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ފިހާރައިން ކެއުމަށް ބޭނުންކުރާ ގިނަ ސާމާނު ލިބެން ހުރެ އެވެ. އަދި ކޮސްމެޓިކްސް އާއި ހައުސްހޯލްޑް ގިނަ ސާމާނު ލިބޭނެ އެވެ.
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު މި ފިހާރައިން ހާއްސަ ޕްރޮމޯޝަނެއް ފަށާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. އަދި ޕްރޮމޯޝަންގެ ތެރެއިން ހާއްސަ އިނާމުތަކެއް ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.
"މި ފިހާރަ ވާނެ މާލޭގައި އެންމެ އަގު ހެޔޮކޮށް ހައުސްހޯލްޑް ސާމާނު ވިއްކާ ފިހާރަ އަށް. އާންމުން ވެސް އެކަން ފާހަގަކުރޭ،" ތޮލާލް ވިދާޅުވި އެވެ.
މިއީ މިލިއަން އިން ހުޅުވި ހަތް ވަނަ ފިހާރަ އަށް ވާ އިރު މީގެ ކުރިން ހުރީ މިލިއަން ގެ ބުކްޝޮޕްތަކެވެ. މި ފިހާރަ ހުޅުވާފައި ވަނީ މަޖީދީމަގު މާފަންނުކޮޅުގައި ހުންނަ މިލިއަން ބުކްޝޮޕާ ޖެހިގެންނެވެ.