ރަންބީރާ އެކު ސަންދީޕް ހަދާނީ "ޑެވިލް"
ރަންބީރާ އެކު ސަންދީޕް ހަދާނީ "ޑެވިލް"

ދާދި ފަހުން ރިލީޒްކުރި ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ، ރަންބީރު ކަޕޫރަށް ހުށަހެޅި ފިލްމަކީ އޭނާގެ މީގެ ކުރިން ތެލެގޫ ބަހުން ހަދަން އުޅުނު "ޑެވިލް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މަޝްހޫރު ތެލެގޫ އެކްޓަރު އަދި ބޮލީވުޑްގެ ކުރީގެ ބަތަލާ ނަމްރަތާ ޝިރޯދްކަރުގެ ފިރިމީހާ މަހޭޝް ބާބޫ އަށް ސަންދީޕް "ޑެވިލް" ހުށަހެޅުމުން އޭނާ އެ ފިލްމު ގަބޫލުނުކުރީ އެ ތުރިލާ މާ ބޮޑަށް ޑާކްވުމުންނެވެ. އަދި ކުޅެން ކެޖޭ ކެރެކްޓާގެ ސަބަބުން އެ ރޯލް ކުޅެން މަހޭޝް ބޭނުން ނުވީ އެވެ.

އެކަމަކު މި ފިލްމު ޓީ ސީރީޒާ ގުޅިގެން ހަދަން ނިންމައި، ރަންބީރަށް ފިލްމު ނެރޭޓްކޮށް ދިނުމުން އޭނާ މިހާރު ވަނީ އެއަށް އެއްބަސްވެފައި ކަމަށް ހަންގާމާ އިން ބުންޏެވެ. އަދި ގްރޭ ޝޭޑްސް އެކުލެވޭ ކެރެކްޓާއެއް އޭނާ މިހާތަނަށް ކުޅެފައިނުވާތީ "ޑެވިލް" އަކީ ރަންބީރަށް ވަރަށް ކަމުދިިޔަ ސްކްރިޕްޓެއް ކަމަށް އެ ނޫހުން ބުންޏެވެ.

ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ރަންބީރު މި ވަގުތު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ އަތުގައި ހުރި ފިލްމުތަކުގެ ތެރޭގައި "ބުރައްމަސްތުރާ" އާއި ލަވް ރަން ޑައިރެކްޓްކުރާ ފިލްމެއް ހިމެނެ އެވެ.