22 ސެޕްޓެމްބަރ 2016 - 06:19

ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގެ ލަވަތަކުގެ ތެރެއިން މިހާތަނަށް ރިލީޒްކުރި ދެ ވަނަ ލަވަ "ބުލެޔާ" ވަރަށް ގިނަ ބަޔަކަށް ވަނީ ރީތިވެފަ އެވެ. ލަވަ ރިލީޒްކުރިތާ ހަފުތާއެއް ވެސް ނުވަނީސް ޔޫޓިއުބުގައި އެކަނިވެސް މި ލަވަ 12 މިލިއަން ފަހަރު ބަލާފައިވެ އެވެ.
ސޫފީ ސްޓައިލަށް ކިޔާފައިވާ މި ލަވަ ރީތިވެގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވެސް ލަވައަށް ތައުރީފުކޮށް ޓުވީޓްކޮށްފައިވެ އެވެ.
ނަމަވެސް މިއީ މިއުޒިކް ޑައިރެކްޓަރު ޕްރީތަމް ކޮޕީކޮށްފައިވާ ލަވައެއް ކަމަށް ބައެއް މީހުން މިހާރު ބުނަން ފަށައިފި އެވެ. ޔަގީންވާ ކަމަކީ ހެވީ ރޮކް މެޓަލް ބޭންޑެއް ކަމަށްވާ ޕާޕާ ރޯޗްގެ ވަރަށް މަޝްހޫރު ލަވައަކާ މި ލަވައިގެ މިއުޒިކް ވަރަށް އެއްގޮތް ކަމެވެ.
މި ލަވަ ޕްރީތަމް ކޮޕީކޮށްފައިވާ ކަމަށް ބުނެ ޓުވީޓްކުރި ބައެއް މީހުން ބުނަނީ މި ލަވަ އަކީ ސީދާ "ލާސްޓް ރިޒޯޓް" ކޮޕީކޮށްގެން އުފައްދާފައިވާ ލަވައެއް ކަމަށެވެ. ޚާއްސަކޮށް މި ލަވައިގެ ބެކްގްރައުންޑް ސްކޯ ޕާޕާ ރޯޗްގެ ލަވައާ ތަފާތެއް ވެސް ނެތްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.
ތިން މިނެޓަށް ދެމިގެންދާ "ބުލެޔާ" ގައި ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީގެ އާދަޔާ ޚިލާފު ރޮމޭންސް ފެނިގެންދެ އެވެ. އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާން ވެސް ވަރަށް ކުޑައިރުކޮޅަކަށް ފެނެ އެވެ.