18 ސެޕްޓެމްބަރ 2019 - 08:28

އެކްޓަރު އަޔޫޝްމަން ކުރާނާ އަށް މިހާރު ބޮޑު އަގެއް ދޭކަށް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ހަމަ ޔަގީނުން ވެސް ޖެހިލުމެއް ނުވާނެ އެވެ. ވަރަށް ތަފާތު ކޮންސެޕްޓްތަކަށް ހަދާ ފިލްމުތައް ކުޅެގެން ބެލުންތެރިން ވަރަށް ލޯބިވާ އެކްޓަރެއްގެ މަގާމު ހޯދާފައިވާ އަޔޫޝްމަންކީ މިހާރު ހިޓް މެޝިނެކެވެ. އޭނާގެ އެއްޗެއް ނަމަ އެ އުފެއްދުމެއް ތަފާތުވެފައި ކާމިޔާބުވާނެ ކަމުގެ ގެރެންޓީއަކީ މިހާރު ކަށަވަރު ކަމެކެވެ.
ފުލުފުލުގައި އަޔޫޝްމަން ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ އިރު، މިހާރު ވަނީ ޓީވީ އިޝްތިހާރުތައް ކުޅެދޭ އަގު ވެސް ބޮޑުކޮށްފަ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި މި ވަގުތު ވެސް 12 ބްރޭންޑެއްގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަޔޫޝްމަން މިހާރު އިޝްތިހާރެއް ކުޅެދެނީ 90 ލައްކަ ރުޕީސް އާއި އެއް ކްރޯޑް (139,980 ޑޮލަރު) އާ ދެމެދުގެ އަގަކަށެވެ. ނަމަވެސް އެ އަގު މިހާރު 2.5 ކްރޯޑް ރުޕީސް (293,979 ޑޮލަރު) އަށް ބޮޑުކޮށްފައިވާ ކަމަށް ބުންޏެވެ.
ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ވެސް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޔޫޝްމަން އެންޑޯޒްކުރާ ބްރޭންޑްތަކުގެ ތެރޭގަ ގޯޑްރެޖް، ރިއަލްމީ، އާބަންކްލެޕް، މެޖިކް ބްރިކްސް، ޕޮލީކެބް، ޓާޓްލް، އެޗްޑީއެފްސީ ޕޭޒެޕް، ވީ މާޓް، ޓާބޯ، އެކްސް، ޑެނިއަލް ވެލިންޓަން، ނެކްސަސް މޯލްސް އަދި ވިންގެޖޯއި ހިމެނެ އެވެ.
ފިލްމު "ވިކީ ޑޯނާ" އިން 2012 ގައި ބޮލީވުޑަށް ނުކުތް އަޔޫޝްމަންއަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އަންދާދުން" އިން މި އަހަރުގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކޮށްފައިވާ އެކްޓަރެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު އަދި މި މަހުގެ 13 ގައި ރިލީޒްކުރި "ޑްރީމް ގާލް" ގެ ޖާދޫގައު އެތައް ބަޔަކު ޖެހިފައިވާ އިރު ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނެ އޭނާގެ ފިލްމަކީ ނޮވެމްބަރު 22 ގައި ރިލީޒްކުރާ "ބާލާ" އެވެ.
ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް ތިބި އަޔޫޝްމަން، 35، ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގުލާބޯ ސިތާބޯ" އަދި "ޝުބް މަންގަލް ޒާދާ ސާވްދާން" ހިމެނެ އެވެ.