މަގު ހުރަސްކުރުމުގައި ހެޔޮ ބަދަލުތަކެއް ފެނިއްޖެ: ނައިބު ރައީސް
މަގު ހުރަސްކުރުމުގައި ހެޔޮ ބަދަލުތަކެއް ފެނިއްޖެ: ނައިބު ރައީސް

މަގު ހުރަސް ކުރާއިރު ކަފިހި ހުރަސް ބޭނުންކުރުމުގައި ހެޔޮ ބަދަލުތަކެއް މިހާރު ފެނިވަޑައިގަންނަވާ ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ އަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކާ މެދު ކަމާ ބެހޭ އިދާރާތަކާ އެކު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި، ނައިބު ރައީސް ވިދާޅުވީ އެ ބަދަލު އައީ ކަފިހި ހުރަސް ބޭނުންކުރަން އާންމުން އަހުލުވެރިކުރަން ފުލުހުން ހިންގި ހަރަކާތްތަކުގެ ސަބަބުން ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލާއި ފުލުހުން ވެސް ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި، މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކްކުރާ މީހުންނާ މެދު އެޅޭނެ ފިޔަވަޅުތަކާއި މާލޭގެ މަގުތަކުގައި އިތުރު ޖާގަ ހެދުމާއި މަގުތައް ތޮއްޖެހުމުން އުޅަނދުތަކަށާއި ހިނގައިބިނގާވާ މީހުންނަށް ކުރިމަތިވާ ދަތިތައް ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކަފިހި ހުރަސް ބޭނުންކުރުމުގެ މުހިންމުކަމާ މެދު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިނގީ، ހެންވޭރު ކޮޅުގައި، ކަފިހި ހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުންނެވެ.

އެ އެކްސިޑެންޓަށް ފަހު، މާލޭގެ އެކި ސަރަހައްދުތަކުގައި ކަފިހި ހުރަސްތަކުގެ ކައިރީގައި ފުލުހުން ތިބެގެން، ހިނގާ މީހުންނާއި އެއްޗެހި ދުއްވާ މީހުންނަށް ރަނގަޅު އާދަ ބުނެދިނެވެ. އެގޮތުން ބަޔަކު މަގު ހުރަސްކުރަން އުޅޭ ނަމަ، ވެހިކަލްތައް މަޑުކުރުވަ އެވެ.