ޑޯޓްމަންޑް ތިން މެޗުން 17 ގޯލް ޖަހައިފި
ޑޯޓްމަންޑް ތިން މެޗުން 17 ގޯލް ޖަހައިފި

ތިން މެޗުން ޖެހި 17 ލަނޑާ އެކު، ވޮލްފްސްބާގް އަތުން 5-1 އިން މޮޅުވެ ޖަރުމަން ލީގުގެ އެއް ވަނަ އަށް ބޮރޫޝިއާ ޑޯޓްމަންޑް އަރައިފި އެވެ.

ޑޯޓްމަންޑް ވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ޕޮލެންޑުގެ ލިގާ ވޯސޯ އަތުން 6-0 އިން އަދި ޖަރުމަން ލީގުގައި މި ހަފުތާގައި ޑާމްސްޓޭޑް އަތުން ވެސް 6-0 އިން މޮޅުވެފަ އެވެ. ތިން މެޗުން 17 ގޯލް ޖަހާފައިވާއިރު ވަދެފައިވަނީ އެންމެ ގޯލެކެވެ.

ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ދެ ވަނައިގައި ނުވަ ޕޮއިންޓާ އޮތް ބަޔާން މިއުނިކް ކުޅެފައިވަނީ އެއް މެޗު މަދުންނެވެ. މިރޭ ހާތާ ބާލިން އަތުން މޮޅުވެގެން ބަޔާން އަށް އެއް ވަނަ އަށް އަލުން އެރުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑުގެ ޕިއެރޭ އެމެރިކް އޯބަމަޔަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ތިން ގޯލް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރޭރޯ އާއި ޑެމްބެލޭ އަދި ލޫކަސް ޕިޒްޗެކް އެވެ.