16 ސެޕްޓެމްބަރ 2019 - 11:07

ރިޔާޒް (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާގައި ތެޔޮ އުފައްދާ ދެ ޕްލާންޓަކަށް ޔަމަނުގެ ހޫތީން ދިން ޑްރޯން ހަމަލާތަކަކަށް ފަހު، ދުނިޔޭގެ ބާޒާރުގައި ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ ނުދާ ވަރަށް، ތެލުގެ އަގު މައްޗަށް ހިނގައްޖެ އެވެ.
ބްރެންޓް ކްރޫޑް އޮއިލް ފީފާއެއް އިއްޔެ ވަނީ 19 ޕަސެންޓް މައްޗަށް ޖެހި 71.95 ޑޮލަރަށް އުފުލިފަ އެވެ. ހަމަލާ ދިނުމުގެ ކުރިން ތެލުގެ އަގު ހުރީ ފީގާއެއް ގާތްގަނޑަކަށް 60 ޑޮލަރުގަ އެވެ. ސައުދީ އަރަބިއާ އަށް ހަމަލާ ދިން އަބްގައިގާއި ޚުރައިސްގެ ޕްލާންޓްތަކުން ތެޔޮ އުފައްދަން ފަށަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. ހަމަލާތަކަށް ފަހު ސައުދީން ތެޔޮ އުފައްދާ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުކޮށްފަ އެވެ. ސައުދީން މިހާރު އުފައްދަނީ ދުވާލަކު ގާތްގަނޑަކަށް 5.7 މިލިއަން ފީފާ ތެލެވެ. ސައުދީގެ ތެލާ ބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒް ވިދާޅުވީ ތެޔޮ އުފައްދާ މިންވަރު ދަށްކުރުމުން ސަޕްލައި އިން މަދުވާ ބައިގެ ކޮންމެވެސް މިންވަރެއް އަރާމްކޯގެ ތެލުގެ ސްޓޮކުން ހަމަޖައްސައިދޭނެ ކަމަށެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައުދީން މީގެ ކުރިން ދުވާލަކު ނުވަ މިލިއަން ފީފާ ތެޔޮ ސަޕްލައިކުރެ އެވެ. ދުނިޔޭގައި އުފައްދާ ތެލުގެ ގާތްގަނޑަކަށް 10 ޕަސެންޓް ހިއްސާކުރަނީ ސައުދީ އެވެ.
އަރާމްކޯގެ ސީއީއޯ އަމިން ނަސީރު ވިދާޅުވީ ދެ ޕްލާންޓުގެ ހާލަތު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި ޑްރޯން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ޔަމަނުގެ ހޫތީންގެ ތަރުޖަމާނަކު ބުނެފައި ވަނީ ސައުދީ އަށް ދިން ހަމަލާގައި 10 ޑްރޯން ފޮނުވާލާފައިވާ ކަމަށެވެ. ހޫތީންގެ އަލް މަސީރާ ޓީވީގައި ވާހަކަ ދައްކަމުން ތަރުޖަމާން ޔަހުޔާ ސާރިއާ ބުނެފައި ވަނީ އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމަށެވެ.
އަބްގައިގު އޮންނަނީ ސައުދީގެ އީސްޓަން ޕްރޮވިންސްގެ ހުޅަނގު ދެކުނުން 60 ކިލޯމީޓަރު (37 މޭލު) ދުރުގަ އެވެ. ޚުރައިސް އޮންނަނީ ހުޅަނގު ދެކުނުން 200 ކިލޯ މީޓަރު ދުރުގަ އެވެ. އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓުން ދުނިޔޭގެ ތެލުގެ ހަތް ޕަސެންޓް އުފައްދަ އެވެ. ޚުރައިސްގެ އޮއިލްފީލްޑްތަކުން ދުނިޔޭގެ ތެލުގެ އެއް ޕަސެންޓް އުފައްދަ އެވެ. ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަނީ ޚުރައިސްގަ އެވެ.