17 ސެޕްޓެމްބަރ 2019 - 08:22

އިންޑިއާގެ "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވި ކުރީގެ އަންހެން ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
ވިދިޔާ ބަލަން ޓައިޓްލް ރޯލް ކުޅޭ މި ފިލްމަކީ އަނޫ މެނަން ޑައިރެކްޓްކުރާ ފިލްމެކެވެ. "ޝަކުންތަލާ ދޭވީ" އަކީ ސޮނީ ޕިކްޗާސް ނެޓްވޯކް ޕްރޮޑަކްޝަނާއި އަބުންދަންތިއާ އެންޓަޓައިމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.
އަންނަ އަހަރުގެ ހޫނު މޫސުމުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މީގެ ޓީމުން މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ. އެހެންވެ ވިދިއާއާ އެކު ފިލްމުން ފެންނާނެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
ނަވާރަ ސަތޭކަ އޮނަތިރީހުގައި އިންޑިއާގެ މައިސޫރަށް އުފަންވި ޝަކުންތަލާ ވަނީ އުމުރުން 83 އަހަރުގައި 2013 ގައި މަރުވެފަ އެވެ. ލިބިފައިވާ އާދަޔާހިލާފު ވިސްނުންތޫނު ކަމާއި ހިސާބުގެ އިލްމަށް އާދަޔާހިލާފަށް މޮޅު މީހެއްގެ ގޮތުގައި ފާހަގަ ކުރެވިގެން 1982 ގައި އޭނާ ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބިފަ އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިދިޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "މިޝަން މަންގަލް" އެވެ.
މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އެކްޓަރު އިރްފާން ޚާން އޮޕަރޭޝަނެއްކޮށްފި އެވެ.
ބައްޔަށް ފަރުވާކުރަމުން ދާދި ފަހުން ފިލްމެއްގެ ޝޫޓިން ވެސް ނިންމައިލި އިރުފާން އޮޕަރޭޝަންކޮށްފައި ވަނީ އޭނާ ފަރުވާ ހޯދަމުން އަންނަ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ. އަދި އޮޕަރޭޝަނަށް ފަހު އޭނާ ވަނީ ކުރު ދަތުރެއްގައި އިންޑިއާ އަށް ވެސް ގޮސްފަ އެވެ. އިރުފާނުގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން ބުނީ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މިދިޔަ އަހަރުގެ މާޗް މަހު ބަލި ޖެހިފައިވާކަން އިއުލާންކުރި އިރުފާން ދާދި ފަހުން ޝޫޓިން ނިންމައިލި ފިލްމަކީ އޭނާ 2017 ގައި ކުޅުނު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި "އަނގްރޭޒީ މީޑިއަމް" އެވެ.
އަންނަ އަހަރުގެ އެޕްރީލް 24 ގައި ރިލީޒްކުރާ އެ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުގަ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ކަރީނާ ކަޕޫރާއި ރާދިކާ މަދަން ވެސް ހިމެނެ އެވެ.
އަންނަ މަހު ރިލީޒްކުރާ ކޮމެޑީ ފިލްމު "މޭޑް އިން ޗައިނާ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
މިޚިލް މުސާލޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމެވެ. އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދިން ފިލްމުތަކަކީ "އަރުޖުން ޕަޓިއާލާ" އާއި "ލުކާ ޗުއްޕީ" އެވެ.
ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ "މޭޑް އިން ޗައިނާ" އަކީ މި އަހަރު ރިލީޒްވާނެ އެންމެ ތަފާތު އެއް ފިލްމަށް ވާނެ އެވެ. މީގެ މައިގަނޑު ކާސްޓުންނަކީ ރާޖްކުމާރު ރާއޯ، މޯނީ ރޯއި، ބޮމަން އިރާނީ، ޕަރޭޝް ރާވަލް، ގަޖްރާޖް ރާއޯ، އަމީރާ ދަސްތޫރް އަދި ސުމިތު ވިއާސް އެވެ.
ފިލްމުގެ ޓްރެއިލާ މި ހަފުތާގެ ތެރޭގައި ދައްކައިލަން ހަމަޖެހިފައިވާ އިރު، ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 25 ގަ އެވެ.
ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ވަކިވެފައިވާ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާ ކެޓްރީނާ ކެއިފް އެެކީގައި ޓީވީ އިޝްތިހާރެއް ކުޅެފި އެވެ.
މިހާރު އާންމު ވެސް ކޮށްފައިވާ މި އިޝްތިހާރަކީ އޮޕޯ ފޯނުގެ ރެނޯ2 ވާޝަނުގެ އިޝްތިހާރެކެވެ. ރަންބީރާއި ކެޓްރީނާއާ އެކު އިޝްތިހާރުން މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ބާދްޝާ ވެސް ފެނިގެން ދެ އެވެ
އާލިއާ ބަޓާ މިހާރު ރައްޓެހިވެގެން އުޅޭ ރަންބީރާއި ކެޓްރީނާ އެންމެ ފަހުން ސްކްރީނުން އެކީގައި ފެނިފައި ވަނީ 2016 ގައި ރިލީޒްކުރި ފިލްމު "ޖައްގާ ޖާސޫސް" އިންނެވެ.
ރަންވީރު ސިންގްއާ ކައިވެނިކޮށްގެން އުޅޭ، ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ބަތަލާ ދީޕިކާ ޕަދުކޯންއާ އޭނާ ކުޅެފައިވާ އޭޝިއަން ޕެއިންޓްސްގެ އިޝްތިހާރެއް ވެސް އިންޑިއާގެ ޗެނެލްތަކުން މިހާރު ދައްކަ އެވެ.