ފިކުރު ބޮޑުވުމުން ފިރިހެނުންނަށް ކެންސަރުގެ ނުރައްކާ އިތުރުވޭ
ފިކުރު ބޮޑުވުމުން ފިރިހެނުންނަށް ކެންސަރުގެ ނުރައްކާ އިތުރުވޭ

ފިކުރު ބޮޑުވުމުގެ މައްސަލަ ނުވަތަ އެންޒައިޓީގެ މައްސަލަ މާބޮޑަށް ހުންނަ ފިރިހެނުން ކެންސަރު ޖެހުމާއި އެ ބަލީގައި މަރުވުމުގެ ފުރުސަތު، މި މައްސަލަ ނުހުންނަ މީހުންނާ އަޅާބަލާއިރު މާބޮޑަށް އިތުރު ކަމަށް މިކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ފިކުރު ބޮޑުވުމުން ކެންސަރުގައި މަރުވުމުގެ ނުރައްކާ ފިރިހެނުންނަށް ބޮޑުވާ ކަމަށް ދިރާސާއިން ދެއްކި ނަމަވެސް އަންހެނުންނަށް މި ނުރައްކާ އޮންނަ ކަމަކަށް ދިރާސާއަކުން ނުދައްކަ އެވެ.

މި ދިރާސާކުރި ސައިންސްވެރިން ވަނީ ޑޮކްޓަރުންނާއި ސިޔާސީ މީހުން ވެސް އެންޒައިޓީ އަކީ "ޒާތީ ސިފައެއް" ގެ ގޮތުގައި ނުބަލައި ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ބެލުމަށް ގޮވާލައިފަ އެވެ.

މިއީ މާބޮޑު ކަމަކާ ނުލައި ކަންބޮޑުވުމާއި ނުނިދުން ފަދަ މައްސަލަތަކާ ހުރެ މީހުން ބަލިކަށިކޮށްލާ މައްސަލައެއް ކަމަށްވާ ޖެނެރަލް އެންޒައިޓީ ޑިސްއޯޑާ (ޑީއޭޑީ) އަށް އަމާޒުކޮށް ކުރި ދިރާސާއެކެވެ.

އެންޒައިޓީގެ ސަބަބުން ކެންސަރު ޖެހޭ ކަމަކަށް މި ދިރާސާއަކުން ނުދައްކަ އެވެ. ނަމަވެސް އެންޒައިޓީ އާއި ސްޓްރެސްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ ބަލިތަކަށް ހުށަހެޅިގެންދާކަން އެނގެ އެވެ. އަދި އެންޒައިޓީގެ ސަބަބުން ފިރިހެނުންނަށް ކެންސަރުގެ ނުރައްކާ އިތުރަށް ބޮޑުވެގެން ދާއިރު އަންހެނުންގެ ހަށިގަނޑުން މިފަދަ ކަމެއް ނުފެންނަނީ ކީއްވެގެން ކަމެއް ވެސް ދިރާސާއިން އެނގިފައެއް ނުވެ އެވެ.

މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ ޔޫރަޕްގައި 16000 މީހެއްގެ މައުލޫމާތު 15 އަހަރުގެ ދުވަހުގެ މުއްދަތަކަށް އެއްކޮށްގެން ކުރި ދިރާސާއަކުން މައުލޫމާތު ނަގައިފަ އެވެ. އެގޮތުން އެ ދިރާސާގައި ބައިވެރިކުރި މީހުންގެ ސިއްހީ އެކި މައްސަލަތަކާއި އޭގެ ތެރެއިން މަރުވި މީހުންގެ މަރުގެ ސަބަބުތަކަށް ބަލާފައިވެ އެވެ.

ދިރާސާގައި ބައިވެރިކުރި 7139 ފިރިހެނުންގެ ތެރެއިން 126 މީހެއްގެ ކިބައިގައި ޖީއޭޑީ ހުއްޓެވެ. އެ މީހުންގެ ސިއްހީ ހާލަތު 15 އަހަރު ދުވަހުގެ މުއްދަތަކަށް ވަޒަންކޮށް ބަލާފައި ވާއިރު މި މީހުން ކެންސަރުގައި މަރުވުމަށް އޮތް ފުރުސަތު ޖީއޭޑީ ނުހުންނަ މީހުންނަށް ވުރެ ދެ ގުނަ އިތުރެވެ.

ޖީއޭޑީ ހުރި 214 އަންހެނުންގެ ކިބައިން، ކެންސަރުގައި މަރުވުމުގެ ފުރުސަތު އިތުރަށް ބޮޑުވި ކަމަކަށް ނުދައްކަ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، ކޭމްބްރިޖް ޔުނިވަސިޓީގެ އޮލިވިއާ ރީމްސް ވިދާޅުވީ ނަފްސާނީ ބަލިތަކާ މެދު މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި އެންޒައިޓީ ފަދަ މައްސަލަތަކަކީ މީހެއްގެ ސިއްހީ ހާލަތު ދަށަށް ގޮސްފައި ހުރި ކަމުގެ ނުރައްކާތެރި ނިޝާނަކަށް ވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.