ޖޭޕީ ނޫން ބޮޑު ހުރިހާ ޕާޓީތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދީފި: ގާސިމް
ޖޭޕީ ނޫން ބޮޑު ހުރިހާ ޕާޓީތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދީފި: ގާސިމް

ޖުމްހޫރީ ޕާޓީ ފިޔަވައި ދެން ހުރި ބޮޑެތި ހުރިހާ ޕާޓީތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފި ކަމަށް ވިދާޅުވެ، 2023 ގެ ރިޔާސީ އިންތިހާބަށް ޖޭޕީ ވަރުގަދަކުރަން، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ މެމްބަރުންނަށް ގޮވާލައްވައިފި އެވެ.

ޖޭޕީ ނޫން ބޮޑު ހުރިހާ ޕާޓީތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދީފި: ގާސިމް
ޖޭޕީ ނޫން ބޮޑު ހުރިހާ ޕާޓީތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދީފި: ގާސިމް

ޖޭޕީއަށް އަލަށް ގުޅުނު ބަޔަކު ސޮއިކުރުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2023 ގައި އެ ޕާޓީން ނެރޭ ރިޔާސީ ކެންޑިޑޭޓާ މެދު ގޮތެއް ނިންމާނީ މެމްބަރުން ކަމަށެވެ.

"އެއީ ކާކުކަން، އަޅުގަނޑުތޯ އެހެން މީހަކުތޯ ކަނޑައަޅާނީ ޕާޓީގެ މެމްބަރުން،" ގާސިމް ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ ޓިކެޓަށް ގާސިމް ވާދަކުރައްވާ ނަމަ، އެހެން މީހަކަށް އެ ޓިކެޓް ޖޭޕީގެ ތެރެއިން ލިބުމަކީ، އެ ޕާޓީ ހިންގަމުން އަންނަ ގޮތަށް ބަލާއިރު، އެކަށީގެންވާ ކަމެއް ނޫނެވެ.

ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާ އެކު ކަމަށެވެ. ނަމަވެސް "ކޮންމެ ފަހަރަކު ވެސް ވެގެން ދާ ގޮތް" ވިޔަ ނުދިނުމަށް ހުރިހާ މެމްބަރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީއަށް ފަހު 2008 ގައި ބޭއްވި ރިޔާސީ ފުރަތަމަ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުކުރެއްވުނީ ގާސިމާ އެކު ޖޭޕީން އެ ފަޅިއަށް އެރުމުންނެވެ. އަދި 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ނަޝީދު ބަލިކުރެއްވުނީ ވެސް ގާސިމްގެ އެހީތެރިކަމާ އެކު އެވެ.

ޖޭޕީ ވަރުގަދަކުރުމާއި ޕާޓީގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑަރަކީ ވެސް ހުރިހާ މެމްބަރުން ވޯޓުލައިގެން ހޮވާ މަގާމަކަށް ބަދަލުކުރަން ހުށައަޅުއްވާނެ އެވެ.

މިހާރު އޮންނަ ގޮތުން ޖޭޕީގެ ލީޑަރު ހޮވަނީ ކޮންގްރެސްގަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދުމަކީ އަމާޒެކެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް ވުރެ އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މެމްބަރުންގެ އަދަދު ތިން ވަނައަށް އެންމެ ގިނައީ ޖޭޕީގަ އެވެ.

އެކަމަކު ގާސިމް ވިދާޅުވީ އަބަދު ތިން ވަނާގައި އޮންނަން ނުޖެހޭނެ ކަމަށެވެ.

"ދެ ވަނަ ޕާޓީގައި އަދި އެއް ވަނަ ޕާޓީގެ ގޮތުގައި ވެސް [ޖޭޕީ] އޮންނާނެ،" އޭނާ ވިދާޅުވި އެވެ.