16 ސެޕްޓެމްބަރ 2019 - 00:48

ސަރުކާރުގެ ހިންގުމަށް ފާޑުކިޔައި ހިޔާލު ފާޅުކުރުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށާއި ނޫސްވެރިކަން ހިފަހައްޓައިގެން ސަރުކާރަށް ވާނެ ފަސޭހައެއް ނޯންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ބޭއްވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ދިވެހި ނޫސްވެރިން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އޭރު އަމަލު ކުރަމުން އައި އަބުރުގެ ގާނޫނު ދަށުން ނޫސްވެރިންނަށް ނުރައްކާތެރި ދައުވާތައް ކޮށް، ޓީވީ ސްޓޭޝަންތައް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް، ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތަށް އަމަލު ކުރީ، ދައުލަތެއްގެ ހަމަޖެހުމާއި ސަރުކާރެއް ދެމިއޮތުމުގައި ނޫސްވެރިންނަކީ ކިހާ މުހިއްމު ބައެއްކަން ނޭނގޭ ބަޔަކު ވެރިކަމުގައި ތިބުމުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން އޭރު ވެސް ގަބޫލު ކުރިން އެއީ ރަނގަޅު ގޮތެއް ނޫންކަން. އަބަދުވެސް ބުނަނީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއޭ،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ފައިސަލް ވިދާޅުވި އެވެ.
"ސަރުކާރު ހިންގަން ތިބޭ ބަޔަކަށް އެކަމުން ލިބޭނެ ފަސޭހައެއް ވެސް ނޯންނާނެ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މި ސަރުކާރުން ވަނީ ހިމާޔަތް ކޮށްދީފަ އެވެ. އަދި އެކަން ކަށަވަރުކުރުމަށް އިތުރު ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވި އެވެ.
ފައިސަލް ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ނޫސްވެރިކަމަށް ބޮޑު މިނިވަންކަމެއް ދީފައިވާނެ ކަމަށާއި ލިބިފައިވާ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ. އެއްވެސް ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކާ ދެކޮޅަށް ދައުވާކޮށް ނުވަތަ މުއައްސަސާއަކަށް މައްސަލަ ހުށަހަޅާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ނޫސްވެރިން އެ މީހުންގެ މަސައްކަތުގައި ކުރިއަށް އެ ދަނީ ފުރިހަމަ މިނިވަންކަމާ އެކުގައި. މި ސަރުކާރު ދެމިއޮތްހާ ހިނދަކު، ސަރުކާރާ ދެކޮޅު މީޑިއާއެއް ނޯންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
"ހިޔާލާއި ފާޑުކިޔުންތައް ބަލައިގަންނަން. އޭގެ އަލީގައި ކަންކަން ރަނގަޅު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް."
ފައިސަލް ވިދާޅުވި ގޮތުގައި ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ގައުމުގެ ކަންކަން އިސްލާހުކުރުމުގައި ނޫސްވެރިންގެ މަސައްކަތް މުހިއްމުކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެ މީހުންގެ ބަސް އިއްވާ ބަޔަކީ ވެސް ނޫސްވެރިން ކަމުގައި ވިދާޅުވި އެވެ.
ނޫސްވެރިންނަށް ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، މަސައްކަތް ކުރުމުގައި ޒިންމާދާރުވުމަށް ނައިބު ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ވިދާޅުވީ، ސުލޫކީ މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަކީ ނޫސްވެރިކަމުގެ އަސާސީ އެއް ސިފައެއް ކަމަށެވެ.
ނޫސްވެރިކަން ކުރިއެރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވެސް ފައިސަލް މިރޭ ވާހަކަފުޅު ދެއްކެވި އެވެ.
ނައިބު ރައީސް ވިދާޅުވީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ގައުމީ ޕްރެސް ކްލަބެއް އުފައްދާނެ ކަމަށާއި އޭގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ސްކޮލަޝިޕާއި ލޯނުގެ ފުރުސަތުތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ބަދަލުތައް ގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.