21 ސެޕްޓެމްބަރ 2016 - 08:58

ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ލީގު ކަޕުގައި ރޭ އިންގްލެންޑުގެ ވަރުގަދަ ޓީމުތައް ކަމަށްވާ ލިވަޕޫލާއި ޗެލްސީ އަދި އާސެނަލް މޮޅުވެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މީގެ ތެރެއިން ޗެލްސީން ހަތަރު ވަނަ ބުރުން ޖާގަ ހޯދީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން 4-2 އިން މޮޅުވެގެންނެވެ. ޝިންޖީ އޮކަޒާކީގެ ދެ ލަނޑުން ފުރަތަމަ ހާފުގައި ލެސްޓާ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކޭހިލް ޗެލްސީގެ ފުރަތަމަ ލަނޑު ޖެހިއިރު އެއްވަރުކޮށްދިނީ 49 ވަނަ މިނެޓުގައި އަޒްޕިކުއެލްޓާ އެވެ.
މެޗުގެ 89 ވަނަ މިނެޓުގައި ލެސްޓާގެ ވަސިލެވްސްކީ އަށް ދެއްކި ރަތްކާޑާ އެކު ލެސްޓާ އަށް އެކަކު މަދުވި އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމުނުއިރު، އިތުރު ވަގުތުގެ ތެރޭގައި ޗެލްސީ މޮޅުވީ ސެސް ފެބްރިގާސް ޖެހި ދެ ލަނޑުންނެވެ. ޕްރިމިއާ ލީގުގެ މެޗުތަކުން ފެބްރިގާސް އަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ފުރުސަތު ނުދޭއިރު ރޭގެ މެޗުގައި އޭނާ ވަނީ ފެންވަރު ސާބިތުކޮށްދީފަ އެވެ.
ލިވަޕޫލް ހަތަރު ވަނަ ބުރުން ޖާގަ ހޯދީ ރޭ ރަށުން ބޭރުގައި ޑާބީ ކައުންޓީ އަތުން 3-0 އިން މޮޅުވެގެންނެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ކްލެވަން އާއި ފިލިއްޕޭ ކުޓީނިއޯ އަދި ޑިވޮކް އޮރީގީ އެވެ.
އާސެނަލް ވަނީ ނޮޓިންހަމް ފޮރެސްޓް އަތުން 4-0 އިން މޮޅުވެފަ އެވެ. މި މެޗުގައި އާސެނަލަށް އަލަށް ގެނައި ސްޕެއިން ފޯވާޑް ލޫކަސް ޕެރޭޒް ދެ ލަނޑު ޖެހި އެވެ. އަނެެއް ދެ ލަނޑު ކާމިޔާބުކުރީ ގްރަނިޓް ޗަކާ އާއި އޮލްސްލޭޑް-ޗެމްބަލައިން އެވެ.
ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެވަޓަން ވަނީ ރޭ ނޯވިޗް ސިޓީ އަތުން 2-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
ތިން ވަނަ ބުރުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި ސްވަންސީ ސިޓީގެ މެޗާއި މެންޗެސްޓާ ޔުނައިޓެޑާއި ނޯތެމްޓަން ޓައުންގެ މެޗު ހިމެނެ އެވެ. ފުލަމް އާއި ބްރިސްޓަލް ސިޓީގެ މެޗާއި ސައުތުހެމްޓަން އާއި ކްރިސްޓަލް ޕެލަސްގެ މެޗު ވެސް މިރޭ އޮންނާނެ އެވެ.