15 ސެޕްޓެމްބަރ 2019 - 15:52

ގާހިރާ (ސެޕްޓެމްބަރު 15) - މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އާއި އޭނާގެ ސަރުކާރުގެ ސިފައިންގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތު ސީސީ ދޮގު ކުރައްވައިފި އެވެ.
ސީސީ ވިދާޅުވީ އޭނާ އާއި ސިފައިންގެ މައްޗަށް ކޮށްފައި ވަނީ އަބުރު ގެއްލުވާލުމުގެ ތުހުމަތުތަކެއް ކަމަށެވެ.
އަސްކަރީ ކޮންޓްރެކްޓަރެއްގެ ގޮތުގައި 15 އަހަރު ދުވަހު މަސައްކަތް ކުރި މިސްރުގެ ވިޔަފާރިވެރިއަކު ވަނީ ގަނޑުވަރުތަކާއި ވިލާތަކާ އަދި ހޮޓާތަކަށް އެތައް މިލިއަން ޑޮލަރެއް އިސްރާފު ކުރަމުންދާ ކަމަށް ބުނެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފަ އެވެ. އަމިއްލަ އަށް އަރުވާލެވިގެން އޭނާ މިހާރު ދިރިއުޅެނީ ސްޕޭނުގަ އެވެ.
މުހައްމަދު އަލީ ނަމަކަށް ކިޔާ ވިޔަފާރިވެރިޔާ ޝާއިއުކުރި އެ ވީޑިއޯ މިސްރުގެ ވަރަށް ގިނަ މީހުން ވަނީ ބަލައިފަ އެވެ.
ގާހިރާގައި ބޭއްވި ޒުވާނުންގެ ސަމިޓެއްގައި ސީސީ ވިދާޅުވީ މިސްރުގެ އަސްކަރިއްޔާގެ އަބުރު ވަނީ ކަތިލައިފައި ކަމަށެވެ. ނަމަވެސް ސީސީގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތަށް އިޝާރާތް ކުރައްވައިފައެއް ނުވެ އެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި ސީސީގެ ސަޕޯޓަރުން ވެސް މިހާރު ދަނީ އޭނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ.