ކަންގަނާ ރަނާވަތުގެ "ތަލައިވީ" މަޑުޖައްސާލި ވާހަކަ ދޮގުކޮށްފި
ކަންގަނާ ރަނާވަތުގެ "ތަލައިވީ" މަޑުޖައްސާލި ވާހަކަ ދޮގުކޮށްފި

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" ގެ މަސައްކަތް ބަޖެޓްގެ ތާށިކަމާ ހުރެ މަޑުޖައްސާލާފައިވާ ކަމަށް ބުނާ ވާހަކަ އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ވިޝްނޫ އިންދޫރީ ދޮގުކޮށްފި އެވެ.

ހިންދުސްތާން ޓައިމްސް އަށް އޭނާ ބުނީ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ފާހަގަކުރާ ދިވާލީ އަށް ފަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ފިލްމުގެ މަންޒަރުތަކެއް ނަގަން ހަމަޖެހިފައިވާ މައިސޫރުގައި ލޮކޭޝަންތަކެއް ހަންޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އެހެންވީމާ ފިލްމުގެ މަސައްކަތް ހުއްޓުނު ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް. ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" ވިޝްނޫ ބުންޏެވެ.

މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކުރި ގޮތުގައި "ތަލައިވީ" ގެ މަސައްކަތް ހުއްޓުމަކަށް އައީ އެ ފިލްމަށް ކަނޑައެޅި 55 ކްރޯޑް ރުޕީސް (7.7 މިލިއަން ޑޮލަރު) ގެ ބަޖެޓް ހަމަނުޖެހިގެން ދިގުލައިގެންދާތީ އެވެ.

ނަމަވެސް ބަޖެޓްގެ އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކޮށް ވިޝްނޫ ބުނީ އޭއެލް ވިޖޭ ޑައިރެކްޓްކޮށް، ކަންގަނާ ރަނާވަތު، ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމުގެ ޕްރޮސްޓެތިކް މޭކަޕް އާޓިސްޓަކަށް މިހާރު ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ކެޕްޓަން މާވެލް" އާއި "ހަންގާ ގޭމްސް" އަދި "ބްލޭޑްރަނާ 2049" ފަދަ ފިލްމުތަކުގެ މޭކަޕް އާޓިސްޓް ޖޭޒަން ކޮލިންސް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ޓްވިޓާގައި އެކަން ކަށަވަރުކޮށް ދެމުން ވިޝްނޫ ބުނީ ޖޭޒަންގެ އެހީގައި "ތަލައިވީ" ގައި ކަންގަނާ، ޖަޔަލަލީތާގެ ގޮތުގައި ހަތަރު ލުކެއްގައި ފެންނާނެ ކަމަށެވެެ. މި ފިލްމުގައި ޖަޔަލަލީތާގެ ހަޔާތުގެ އެކި ދުވަސްވަރު ދައްކުވައިދޭނެ އެވެ.

ފިލްމުގެ ތައްޔާރީތަކުގެ ތެރެއިން "ތަލައިވީ" ގެ ޓީމް މި މަހުގެ 19 ވަނަ ދުވަހު އެމެރިކާ އަށް ލޮސް އެންޖެލިސްގައި ޖޭޒަންއާ ބައްދަލުކުރަން ވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން އެ ދަތުރުގައި ކަންގަނާއާ އެކު ޕްރޮސްތެޓިކް މޭކަޕްގެ ޓްރަޔަލްތަކެއް ކުރިއަށް ގެންދާނެ އެވެ.

ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ހަދާ "ތަލައިވީ" އަކީ މި އަހަރު ރިލީޒްކުރި ކަންގަނާގެ "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާހްބަލީ" ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ކޭވީ ވިޖެންދުރަ ޕްރަސާދުގެ ސްކްރިޕްޓަކަށް ހަދާ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނެ ތާރީހެއް އަަދި އިއުލާނެއް ނުކުރެ އެވެ.