ޑްރޯން ހަމަލާއާ ގުޅިގެން އެމެރިކާގެ ތުހުމަތު އީރާނުން ދޮގުކޮށްފި
ޑްރޯން ހަމަލާއާ ގުޅިގެން އެމެރިކާގެ ތުހުމަތު އީރާނުން ދޮގުކޮށްފި

ތެހެރާން (ސެޕްޓެމްބަރު 15) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނީގެ ދެ ޕްލާންޓަކަށް ދިން ޑްރޯން ހަމަލާގެ ތުހުމަތު އެމެރިކާ އިން އީރާނުގެ ބޮލުގައި އެޅުވި ނަމަވެސް ތެހެރާނުން އެކަން ދޮގުކޮށްފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ އެމެރިކާ އިން އުޅެނީ އީރާނަށް ހަމަލާދޭނެ ބަހަނާއެއް ހޯދުމަށް ކަމަށެވެ.

"އެމެރިކާ އިން ކުރާ ތާކުންތާކު ނުޖެހޭ ކަނު ތުހުމަތުތަކުގައި މާނައެއް ނެތް،" ތަރުޖަމާން އައްބާސް މޫސަވީ ވިދާޅުވި އެވެ.

ސައުދީ އަރަބިއާގެ އަބްގައިގާއި ޚުރައިސްގައި ހުރި ތެޔޮ އުފައްދާ ޕާލާންޓްތަކަށް ދިން ހަމަލާގެ ތުހުމަތު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ. ސައުދީ އަރަބިއާ އަށް 10 ޑްރޯން ފޮނުވާލި ކަމަށް ޔަމަނުގެ ހޫތީން އެއްބަސްވި ނަމަވެސް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ ހޫތީން ޑްރޯން ހަަމަލާ ދިން ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

"އެމެރިކާ އިން އުޅެނީ އީރާނުގެ އަގު ވައްޓާލައި، އީރާނާ ދެކޮޅަށް އަޅާނެ ފިޔަވަޅަކަށް ބަހަނާ ދެއްކުން،" މޫސަވީ ވިދާޅުވި އެވެ.

ޑްރޯން ހަމަލާތަކަށް ފަހު، ސައުދީ އަރަބިއާ އިން ތެޔޮ އުފައްދާ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް ދަށްކޮށްފަ އެވެ. ޑްރޯން ހަމަލާ އަމާޒުވި ދެ ޕްލާންޓުގެ ޕްރޮޑަކްޝަން ވަނީ ހުއްޓާލައިފަ އެވެ.