ކެސިއޯ ގަޑިތައް އަތުޖެހޭ ފަށަށް
ކެސިއޯ ގަޑިތައް އަތުޖެހޭ ފަށަށް

ކެސިއޯ ސްމާޓް ގަޑިތައް އަގު ބޮޑުވުން މައްސަލައަކަށް ވެފައި ވަނިކޮށް، މެދު ފަންތީގެ ގަޑިތަކެއް ނެރެން ކެސިއޯ ތައްޔާރުވެއްޖެ އެވެ. މިއީ އަގުބޮޑު ގަޑިއެއް ގަނެވެން ނެތް މީހުންނަށް، ސްމާޓް ގަޑިތަކުގެ އުފާ ލިއްބައި ދިނުމަށް އެ ކުންފުނިން ކުރި ވެދުމެކެވެ.

މި ސިރީޒްގެ ގަޑިތަކަށް ނިސްބަތްކުރާ ނަމަކީ PRT-B50 އެވެ. އަމާޒުކޮށްފައި ވަނީ ދުވުން، ހިނގުން އަދި ކަސްރަތުކުރުން ފަދަ ގެއިން ބޭރު ހަރަކާތްތަކަށެވެ. މިއީ މި ޖީލު ދެކޭ ކަހަލަ ސްމާޓް ގަޑިތަކެއް ނޫނެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީ ވަނީ ހިމަނައިފަ އެވެ. މާހައުލުގެ ޕްރެޝާ ދެނަގަތުން އަދި ފިނހޫނުމިން ބެލުމަށް ސެންސަރުތައް ގާއިމުކޮށްފައި ވެ އެވެ. ފިޔަވަޅު ގުނުން ނުވަތަ ސިޑި ފަދަ ތަންތަނަށް އެރުމުގައި ހުރެވުނު އުސްމިން ދެނެގަތުމަށް "އެކްސެލެރޮމީޓާ" ވެސް ވަނީ ހިމަނައިފަ އެވެ.

މެދު ފަންތީގެ ގަޑިތަކެއް ނަމަވެސް ހިމަނާފައި ހުރި ޓެކްނޮލޮޖީގެ ސަބަބުން މިއީ ގިނަ ބަޔަކަށް ކަމުދާނެ ގަޑިތަކެއް ކަމަށް ބެލެވެ އެެވެ. "ބްލޫޓޫތު" މެދުވެރިކޮށް ސްމާޓްފޯނުތަކާ ގުޅުވައިލެވެ އެވެ. އެހާ ހިސާބުން ގަޑި އަށް ހިތްވަރު ލިބި މުޅިން ސްމާޓްވެގަނެ އެވެ. މި ގޮތުން އިތުރަށް ލިބޭ ފީޗާތަކުގެ ތެރޭގައި، ދުވަމުން ދާ މަގު ލޮގްކުރެވުން، ކެލޮރީ އަނދާ މިންވަރު ދެނެގަނެވުން، ހުރެވުނު ތަން ރެކޯޑްކުރެވުން އަދި މޮބައިލް ފޯން ހޯދުން ފަދަ ފަސޭހަތައް ހިމެނެ އެވެ.

ކެސިއޯ މަރުކާގެ ގަޑިތަކަކީ ޒަމާނުންސުރެ މަގުބޫލު އާލާތްތަކެކެވެ. ސްމާޓްފޯން މާކެޓުން ހިތްވަރު ލިބިގަނެ އުފައްދަން ފެށި ސްމާޓް ގަޑިތަކާ އެކު، ކެސިއޯ ވެސް ވަނީ މި ރޭހަަށް ވަދެފަ އެވެ. އަދި ވާދަވެރިންނަށް ދޫކުރެވެން ނެތްކަން ވަނީ ސާބިތުކޮށްދީފަ އެވެ.