15 ސެޕްޓެމްބަރ 2019 - 14:19

ރައީސް އޮފީހަށް ލާފައިވާ ސިޓީއަކަށް ޖަވާބު ނުދިން ކަމަށް ބުނެ އެ އޮފީހުގެ ބޭރުގައި އިހުތިޖާޖް ކުރި މީހަކު ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.

ރައީސް އޮފީހުގެ، އަމީރު އަހުމަދުމަގު ދޮރާށި ކުރިމަތީގައި އިށީނދެ އިނދެ ދިވެހި ފިރިހެނަކު އިހުތިޖާޖުކުރާ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެނގިފައިވާގޮތުގައި އޭނާ ނުރުހުން ފާޅުކުރީ ސިޓީ އަކަށް ޖަވާބު ނުލިބިގެން ކަމަށް ބުންޏަސް އެކަން ކަށަވަރުވާ ގޮތެއް ނުވި އެވެ. އަދި އޭނާ ސިޓީ ފޮނުވީ ކޮން ކަމަކާ ގުޅިގެން ކަމެއް ވެސް ނޭނގެ އެވެ.
އިހުތިޖާޖުކުރަން ފެށިތާ މާގިނަ އިރުތަކެއް ނުވަވީސް ފުލުހުން ގޮސް އެ މީހާ އެތަނުން ގެންދިޔަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 41 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރުމުން އެކަމާ ގުޅުންހުރި މައުލޫމާތު ސާފުކުރަން ކަމަށެވެ.
ރައީސް އޮފީސް ހިމެނޭ ސަރަހައްދަކީ ގްރީން ޒޯނެވެ. އެއީ އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން، މުޒާހަރާކުރުން މަނާ ސަރަހައްދެކެވެ.