15 ސެޕްޓެމްބަރ 2019 - 11:32

ރިޔާޒް (ސެޕްޓެމްބަރު 15) - ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ އުފައްދާ ދެ ކާރުޚާނާއަކަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއާ އިން ތެޔޮ އުފައްދާ މިންވަރު ދަށްކޮށްފި އެވެ.
އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ ސައުދީން ދުވާލަކު ތެޔޮ އުފައްދާ މިންވަރު ގާތްގަނޑަކަށް 5.7 މިލިއަން ފީފާ އަށް ދަށްކޮށްފައިވާ ކަމަށެވެ. މިއީ ސައުދީން އުފައްދާ ތެލުގެ ދެބައިކުޅަ އެއްބައެވެ. ނުވަތަ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް ޕަސެންޓެވެ. އޯޕެކުން މިދިޔަ މަހު ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ސައުދީން ދުވާލަކު 9.8 މިލިއަން ފީފާ ތެޔޮ އުފައްދަ އެވެ.
އެނާޖީ މިނިސްޓަރުގެ މަގާމާ މިދިޔަ ހަފުތާގައި ހަވާލުވެވަޑައިގެންނެވި ޕްރިންސް އަބްދުލް އަޒީޒް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ޑްރޯން ހަމަލާ އަމާޒުވި އަބްގައިގާއި ޚުރައިސްގެ ޕްލާންޓްތަކުން ތެޔޮ އުފެއްދުން ހުއްޓާލާފައިވާ ކަމަށެވެ.
ޕްރިންސް އަބްދުލް އަޒީޒް ވިދާޅުވީ ތެޔޮ އުފައްދާ މިންވަރު ދަށްކުރުމުން ސަޕްލައި އިން މަދުވާ ބައިގެ ކޮންމެވެސް މިންވަރެއް އަރާމްކޯގެ ތެލުގެ ސްޓޮކުން ހަމަޖައްސައިދޭނެ ކަމަށެވެ.
އަރާމްކޯގެ ސީއީއޯ އަމިން ނަސީރު ވިދާޅުވީ ދެ ޕްލާންޓުގެ ހާލަތު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި ޑްރޯން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ޔަމަނުގެ ހޫތީންގެ ތަރުޖަމާނަކު ބުނެފައި ވަނީ ސައުދީ އަށް ދިން ހަމަލާގައި 10 ޑްރޯން ފޮނުވާލާފައިވާ ކަމަށެވެ. ހޫތީންގެ އަލް މަސީރާ ޓީވީގައި ވާހަކަ ދައްކަމުން ތަރުޖަމާން ޔަހުޔާ ސާރިއާ ބުނެފައި ވަނީ އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމަށެވެ. އަދި އެއީ ސައުދީގައި ހޫތީން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ޑްރޯން ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވައިފަ އެވެ. އަދި ޑްރޯން ހަމަލާ ފޮނުވާލީ ޔަމަނުންކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޕޮމްޕެއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑްރޯން ހަމަލާ އަކީ ދުނިޔޭގެ ތެލުގެ ސަޕްލައި އަށް ދިން ހަމަލާއެއް ކަމަށެވެ.
އަބްގައިގު އޮންނަނީ ސައުދީގެ އީސްޓަން ޕްރޮވިންސްގެ ހުޅަނގު ދެކުނުން 60 ކިލޯމީޓަރު (37 މޭލު) ދުރުގަ އެވެ. ޚުރައިސް އޮންނަނީ ހުޅަނގު ދެކުނުން 200 ކިލޯ މީޓަރު ދުރުގަ އެވެ. އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓުން ދުނިޔޭގެ ތެލުގެ ހަތް ޕަސެންޓް އުފައްދަ އެވެ. ޚުރައިސްގެ އޮއިލްފީލްޑްތަކުން ދުނިޔޭގެ ތެލުގެ އެއް ޕަސެންޓް އުފައްދަ އެވެ. ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަނީ ޚުރައިސްގަ އެވެ.
ސައުދީގެ އަރާމްކޯ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނީގެ އިތުރުން ދުނިޔޭގެ އެންމެ ފައިދާ ބޮޑު ކުންފުނި ވެސްމެ އެވެ.