14 ސެޕްޓެމްބަރ 2019 - 23:49

ހުޅުމާލޭގެ ބީޗު ކައިރީގައި އާންމުން ބޭނުން ކުރާނެ ފާހާނާ ބަރިތަކެއް ހަދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެ ފަތާ ޓްރެކް ކައިރީގައި އަންހެނުންނާއި ފިރިހެނުން ވަކިން ބޭނުން ކުރެވޭނެ ފާހާނާތަކެއް ހަދާފައިވާ ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުން ކުރަން ފާހާނާތަކެއް ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ފާހާނާތަކުގެ ބޭނުން ހިފޭނެ ކަމަށެވެ.
މީގެއިތުރުން އަންހެނުން، އެމީހުންގެ ދަރިންނަށް ގާތުން ދޭން ބޭނުންވާ ނަމަ، އެކަމަށް ހާއްސަ ކޮޓަރިއެއް ވެސް ހަދާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ފާހާނާ ބަރިތައް ހެދީ އާންމުންނަށް ފެން ވެރޭނެ ވަސީލަތްތަކާ އެކު ކަމަށް އެޗްޑީސީން ބުންޏެވެ.
ބަންދު ދުވަސްތަކާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރުމަށް ދަނީ ހުޅުމާލެއަށެވެ. އެކަމަކު، އާންމުން ބޭނުން ކުރާނެ ފާހާނާ ބަރިތަކެއް ނުހުންނާތީ އެކަމުގެ ޝަކުވާ ބޮޑެވެ.