15 ސެޕްޓެމްބަރ 2019 - 07:12

އެމެރިކާގެ ތާރީހުގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަސްޓް ހަމަލާ އަށް 18 އަހަރު ފުރުން ފާހަގަކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ސެޕްޓެމްބަރު 11، 2001 ގައި ދިން އެ ހަމަލާ އަކީ އެމެރިކާގެ ނިއު ޔޯކްގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލައި ތިން ހާހެއްހާ މީހުން މަރުވެ، އެތައް ހާސް ބަޔަކު ޒަހަމްވި ހާދިސާއެކެވެ.
އެ ދުވަސް މި އަހަރު ފާހަގަކުރި އިރު، އެމެރިކާގެ ދެމަފިރިއަކަށް މި ވަނީ ހާއްސަ ކަމަކާ ވެސް ދިމާވެފަ އެވެ. އެއީ އެ މީހުންގެ އަލަތު ދަރިފުޅުގެ އުފަން އުފަންވުމާއި 9/11 މި ނަމްބަރުތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތުމުންނެވެ.
ޓެނެސީގެ ޖާމަންޓައުންގެ މެތަޑިސްޓް ލެބޮންހާ ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން ނެގި ކްރިސްޓީނާ ބްރައުން ކިޔާ އަންހެން ކުއްޖާގެ އުފަންވީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ކުއްޖާ އުފަންވީ އެރޭގެ 9:11 ގަ އެވެ. ބަރުދަނުގައި ހުރީ 9 ޕައުންޑް 11 އައުންސް (4.4 ކިލޯގްރާމް) އެވެ.
ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވައިލި ތާރީހުގައި ހުރި ނަމްބަރުތަކާއި ދަރިފުޅުގެ އުފަން ދުވަހާއި އުފަންވި ގަޑި އާއި ބަރުދަނުގައި ހުރި ނަމްބަރުތައް އެއްގޮތްވުން އެ އެ ކުއްޖާގެ މަންމަ ކެމެޓްރިއޯން މޯ-ބްރައުން އެކަން ސިފަކުރީ އާދަޔާ ހިލާފް ކަމެއްގެ ގޮތުގަ އެވެ.
"ކްރިސްޓީނާ އުފަންވުމަކީ ފަނާކުރުވަނި ދުވަހެއްގެ ހަނދާންތަކާ އެކު، އާ ދިރުމެއް އަހަރެމެންގެ ހަޔާތަށް ގެނެސްދިން ދުވަހެއް،" އޭނާ ބުންޏެވެ.
ކްރިސްޓީނާގެ ބައްޕަ ޖަސްޓިން ބްރައުން ކިޔައިދިން ގޮތުގައި ދަރިފުޅާ ބެހޭ މައުލޫމާތުތައް ޑޮކްޓަރު ހިއްސާކުރި ވަގުތުކޮޅަކީ ވަރަށް އުފާވެރި އަދި އެހާމެ ހާއްސަ ވަގުތުކޮޅަކަށްވި އެވެ.
"މި އިއްތިފާގު މިގޮތަށް ދިމާވީމަ ހޮސްޕިޓަލްގެ މުވައްޒަފުންނާއި ޑޮކްޓަރުން ވެސް ތިބީ ވަރަށް ހައިރާންވެފައި،" އޭނާ ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް ދަރިފުޅުގެ އުފަންވުމުގައި އެބަހުރި ވަރަށް ހާއްސަ އަދި ދުވަހަކު ވެސް ހަނދާން ނައްތާނުލެވޭ ކަހަލް ކަންކަން."
މިކަމާ ބެހޭ ގޮތުން ހޮސްޕިޓަލްގެ ވިމެންސް ސާވިސްގެ ހެޑް ރެޗެލް ލޯލިން ވިދާޅުވީ އޭނާގެ 35 އަހަރުވީ ކެރިއަރުގައި ކްރިސްޓީނާ އުފަންވުމުގައި ދިމާވި ކަހަލަ އިއްތިފާގުތަކަކާ ދުވަހަކު ވެސް ދިމާނުވާ ކަމަށެވެ.
"މިއީ ހަމަ ގައިމު ވެސް ވަރަށް ހާއްސަ ކަމެއް،" އޭނާ ވިދާޅުވި އެވެ.