ފާޚާނާގައި ހައްދަން ފަސޭހަ ބައެއް ގަސް
ފާޚާނާގައި ހައްދަން ފަސޭހަ ބައެއް ގަސް

ގޭތެރޭގައި ގަސް ހެއްދުމުން ޒީނަތްތެރިވުމުގެ އިތުރުން އެހެން ފައިދާތަކެއް ވެސް ލިބެ އެވެ. ވައި ސާފުކޮށްދިނުމާއި، ގޭތެރެ ތާޒާކޮށް ދިނުމުގެ އިތުރުން ހިތަށް ހަމަޖެހުން ގެނެސްދިނުމަކީ ވެސް ބައެއް ފައިދާތަކެވެ. ހަމައެގޮތަށް ފާޚާނާތެރޭގައި ވެސް ގަސް ހެއްދިދާނެ އެވެ.

ފާޚާނާތެރޭ ހައްދަން ގަސް ހޯދުމަކީ ހީކުރާހާ އުދަނގޫ ކަމެއް ނޫނެވެ.

ފާޚާނާތެރޭގެ މާހައުލަކީ ގޭގެ އެހެން ބައިތަކާއި ތަފާތު މާހައުލެކެވެ. ތަންކޮޅެއް ހޫނުވެފައި އަލިމަޑުވުމުގެ އިތުރަށް ތެތް ތަނެކެވެ. މިތަނަށް ގަސް ހޯދާ ނަމަ އެންމެ ރަނގަޅީ ޓްރޮޕިކަލް ޕްލާންޓްގެ ބާވަތްތަކެވެ. އެއީ މިވައްތަރުގެ ގަހަކީ ތެތްކަމަށް ތަންކޮޅެއް ލޯބިކުރާ ގަސްގަހަށްވުމެވެ. އެކަމަކު މިނޫނަސް ފާޚާނާތެރޭގެ މާހައުލާ ގަޔާވާ ބައިވަރު ގަސްތައް ހުރެ އެވެ.

ތިރީގައި މިހިމަނާލަނީ ފާޚާނާތެރޭ ހައްދަން އެންމެ އެކަށީގެންވާ ބައެއްވައްތަރުގެ ގަސްގަހެވެ.

ރަސްމީކޮށް ކިޔާގޮތުން ނަމަ ސެންސިވެރިއާ ނުވަތަ ސްނޭކް ޕްލާންޓަކީ ގޭގެ ކޮންމެ ތަނެއްގައި ވެސް ހައްދަން ވަރަށް ރަނގަޅު ބާވަތެކެވެ. ހާއްސަކޮށް ފާޚާނާ އަށް މި ގަސް މީ އެންމެ ރަނގަޅު އެއް ވައްތަރެވެ. އެއީ ކޮންމެ މާހައުލަކަށް ވެސް ފަސޭހައިން ހޭނޭ ބާވަތަކަށް ވުމެވެ. މިގަހުގެ ކުޅަދާނަކަމުން މިއީ މަރައިނުލެވޭ ގަހެއްގެ ގޮތުގައި ވެސް ކިޔައި އުޅެއެވެ. އަދި މިއީ ވައިގައި ހިމެނޭ ނުސާފު ކެމިކަލް ބޭރުކޮށްލާ ބާވަތެއްކަމުގައި ކިޔައި އުޅޭ އެއްޗަކަށްވުމުން ފާޚާނާ އަށް މިއަށްވުރެ އެކަށީގެންވާ ގަހެއް ނުވާކަން ޔަޤީނެވެ.

ޑްރަސީނާ އަކީ ސީދާ އައްޔާ ނުގުޅޭ ބާވަތަކަށް ވާތީ ފާޚާނާތެރޭ ހައްދަން މިއީ ވެސް އެކަށީގެންވާ ބާވަތެކެވެ. ބަންދުވެފައި ހޫނު ތަންތަނަށް ލޯބިކުރުމާއެކު ލަސްލަހުން ހެދި ހެދި، އެއް ތަނެއްގައި ކިތަންމެ ދުވަހަކު މަރުނުވެ ހުރުމުގެ ގާބިލުކަން މި ގަހަށް ލިބިފައިވެ އެވެ.

އާދައިގެ ޕާތޯސް ގަސްގަހަށްވުރެ މީގައި ފަތްތައް ހުންނަނީ ކުދިކޮށެވެ. އަދި އާދައިގެ ގަސްގަހުގައި ހުންނަ ފެހީގެ ބަދަލުގައި މީގައި ހުންނަނީ ހުދާއި ފެހި މަސްހުނިކޮށެވެ. މިގަހުގެ ފަތް އެންމެ ވައްތަރުވާނީ "ޑެވިލްސް އައިވީ" އާއެވެ. ލަސްލަހުން ހެދި ހެދި ހުންނަ މިގަސް އެލުވާލައިފައި ހުންނަ ކަހަލަ ޕޮޓެއްގައި ބެހެއްޓުމުން ވަރަށް ފުރިހަމަވާނެ އެވެ. ހޫނަށް ލޯބިކުރުމުގެ އިތުރަށް ވަކި ހާއްސަގޮތަކަށް ބަލަހައްޓާކަށް ވެސް ނުޖެހެ އެވެ. މަޑު އަލީގެ އިތުރަށް މިއަށް ބޭނުންވާނީ ތެތް ވެއްޔެވެ.

ޑެވިލްސް އައިވީ އެންމެ މަޝްހޫރުވެފައިވަނީ އޭގައި ހުންނަ ވައިސާފުކުރުމުގެ ބާރަށެވެ. ފެންނަ ފެނުމަށް އެހާމެ ރީއްޗެވެ. އެންމެ ފައްކާ ކަމަކީ ވަކި ހާއްސަ އަޅައިލުމެއް ބަހައްޓަން ނުޖެހުމެވެ. ވެލިގަނޑު ތެތްކޮށް ބެހެއްޓުމާއެކު އަލިމަޑު ތަނެއްގައި ބެހެއްޓުމުން ނިމުނީ އެވެ. ހައްދަން އެންމެ ފަސޭހަ އަދި މަރައިލަން އެންމެ އުދަނގޫ ގަސްގަހުގެ ތެރޭގައި މިގަސް ހިމެނެ އެވެ. އެކަމަކު މިއީ ވިހަ ބާވަތަކަށް ވާތީ ކުޑަކުދިންނާއި ދިރޭ އެއްޗެހި ނުފޯރާ ހިސާބުގައި ހެއްދުން މުހިންމެވެ.

މަޑުއަލީގައި ހެދޭ މި ގަހަކީ އެއްވެސް ވަރަކަށް އަޅައިލަން ޖެހޭ ވައްތަރެއް ނޫނެވެ. ހަފުތާއަކު އެއްފަހަރު ނޫނީ ދެހަފުތާއިން އެއް ހަފުތާގައި ފެން ދިނުމުން ނިމުނީ އެވެ. މަރައިލަން އުދަނގޫ ލިސްޓްގައި މި ގަސް ވެސް ހިމެނެ އެވެ.