13 ސެޕްޓެމްބަރ 2019 - 17:32

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލާފައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުން ބުއްދިވެރި ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަމުން ގެންދަވާ ސުވާލު، ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި އަނެއްކާ ވެސް ތަކުރާރުކުރެއްވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ "މުސީބާތެއް" ކަމަށް ސިފަ ކުރައްވައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ "މުސީބާތް ގެނައީ ދިވެހި ރައްޔިތުން ނޫން" ކަމަށެވެ.
އެހެން ނަމަވެސް ކުރިން ބޭއްވި ޖަލްސާތަކުގައި ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި، ވާހަކަ ދެއްކެވިހާ ދިގުކޮށް ތަފްސީލުކޮށް ޔާމީން ރޭ ވާހަކަފުޅެއް ނުދައްކަވަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓް އަމާޒު ކުރެއްވީ ބެލެވޭ ގޮތުގައި ޔާމީނު ރޭ ދެއްކެވި ވާހަކަފުޅަށެވެ.
"ރިޔާސީ އިންތިހާބު 2018 ގައި ރައްޔިތުން ވޯޓް ލީގޮތް އީސީން އިއުލާނު ކުރީ. ދެން ރިޔާސީ އިންތިހާބުގެ ވާހަަކަ ހުއްޓަވައިލައްވާ،" ޓްވީޓްގައި ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ޔާމީން ބަލިވުމުން ފުރަތަމަ ނަތީޖާ ގަބޫލުފުޅު ކުރެއްވި އެވެ. އެކަމަކު ފަހުން އެ އިންތިހާބުގެ ކަންތައްތައް ދިޔަ ގޮތާ މެދު އެތައް ސުވާލެއް އުފައްދަވައި، މަދު ސަޕޯޓަރުންކޮޅަކާ އެކު އެކަމާ އިހުތިޖާޖް ކުރެއްވި އެވެ. އެއަށް ފަހު ސުޕްރީމް ކޯޓަށް ވެސް އެ މައްސަލަ ހުށަހެޅުއްވި އެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ނެތް ކަމަށެވެ.
އޭގެ ފަހުން އަހަރެއްވާން ދާއިރު، ޔާމީން އާއްމުންގެ ތެރެއަށް ނުކުންނަވާ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކުހެން ރިޔާސީ އިންތިހާބުގެ ނަތީޖާގެ ވާހަކަ އަދިވެސް ދައްކަވަ އެވެ.