14 ސެޕްޓެމްބަރ 2019 - 08:58

ޖަޕާނުގެ ޓޯކިއޯގެ މޯލެއްގައި ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރާ ކޭޝިއަރަކު ކަސްޓަމަރުންގެ ކްރެޑިޓް ކާޑްގެ މައުލޫމާތުތައް "ހިތުދަސްކޮށް" ނާޖާއީޒު ފައިދާތަކެއް ނަގާ މައްސަލަ ފަޅާއަރައި އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލާގައި ބުދަ ދުވަހު ހައްޔަރުކޮށްފައި ވަނީ ޓޯކިއޯގެ ޓޯކޯގެ މޯލެއްގައި މަސައްކަތްކުރާ 34 އަހަރުގެ ޔުސޫކޭ ޓަނިގޫޗީ ކިޔާ މީހެކެވެ.
ކަސްޓަމަރުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތުތައް ދަސްކޮށްގެން އޭނާ އޮންލައިންކޮށް ވިޔަފާރިކުރާ މައްސަލަ ފަޅާއަރައި، ތަހުގީގަށް، ޔުސޫކޭގެ ގެ ބަލައިފާސްކުރުމުގެ ތެރޭގައި ފެނުނު ނޯޓަކުން ފޮތަކުން 1،300 މީހެއްގެ ކްރެޑިޓް ކާޑްގެ މައުލޫމާތު ފުލުހުންނަށް ވަނީ ފެނިފަ އެވެ. އޭގައި ކަސްޓަމަރުންގެ ނަމާއި ކާޑުގެ މުއްދަތު ހަމަވާތީ ތާރީހާއި ސެކިއުރިޓީ ކޯޑް ފަދަ ކާޑުގެ މުހިއްމު ހުރިހާ މައުލޫމާތުތަކެއް ލިޔެފައި ހުއްޓެވެ.
ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ޔުސޫކޭ ކަސްޓަމަރުން ފައިސާ ދައްކަން ކާޑު ދިނުމުން އޭގެ މައުލޫމާތުތައް އޭނާގެ ސިކުނޑީގައި ފުރަތަމަ ރައްކާކުރަނީ ފޮޓޯގްރެފިކް މޮމޮރީ ނުވަތަ އެއިޑެޓިކް މެމޮރީގެ އެހީގަ އެވެ. އޭގެ ފަހުން ފޮތެއްގައި ހުރިހާ މައުލޫމާތެއް ފަހުން ބޭނުންކުރަން ނޯޓްކޮށްފައި ބަހައްޓަނީ އެވެ.
މި މައްސަލާގައި ޔުސޫކޭ ހައްޔަރުކުރި އިރު، ކަސްޓަމަރުންތަކެއްގެ ކްރެޑް ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން މިދިޔަ މާޗް މަހުގެ ތެރޭގައި، ދަބަސްތަކެއް 270،000 ޔުއާން (2،500 ޑޮލަރު) އަށް ގަނެފައިވެ އެވެ. އަދި އެކި ފަހަރުމަތިން ކަސްޓަމަރުންގެ ކްރެޑިޓް ކާޑްތަަކުގެ މައުލޫމާތު ބޭނުންކޮށްގެން ޒަރޫރީ އެކި ބޭނުންތަކަށް ވެސް ޔުސޫކޭ ފައިސާގެ މުއާމަލާތްތަކެއް އޮންލައިން ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭނާ އުޅޭ އެޕާޓްމަންޓްގެ ކުލި ދެއްކުމާއި ކާއެއްޗެހި ގަތުން ފަދަ ކަންކަން ހިމެނެ އެވެ.
ފުލުހުން ބުނިގޮތުގައި މިހާތަނަށް އަދި ޔުސޫކޭ ރެކޯޑްކޮށްފައިވާކަން އެނގިފައި ވަނީ 1،300 ކަސްޓަމަރެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ކަމަށް ވިޔަސް، މި އަދަދު މިއަށް ވުރެ އިތުރުވުން އެކަށީގެންވެ އެވެ. އެހެންވެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.