13 ސެޕްޓެމްބަރ 2019 - 11:03

އަމަން އަމާންކަމަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިއުމަތެކެވެ. ނަމަވެސް ބައެއް އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން މި ނިޢުމަތުން ބައެއް މީހުން މަޙްރޫމްވެ މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ދަނޑިވަޅުތައް އާދެ އެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ހަމަޖެހުމާއި ހަމަހިމޭންކަން ގެއްލިގެން ދެއެވެ.
އަމަން އަމާންކަން ގެއްލިގެންދާ އަމަލުތަކުގެ ތެރޭގައި ވަޅި ފަދަ ތޫނު އާލާތްތަކާއި ނުރައްކާ ހަތިޔާރުން މީހުންނަށް ބިރު ދެއްކުމާއި، ހަމަލާ ދިނުމާއި، މާރާމާރީ ހިންގުން ހިމެނެ އެވެ. ފާޑުފާޑުގެ ގޮވާ ތަކެތި ތައްޔާރުކޮށް އެ ފަދަ ތަކެތި ގޮއްވުމާއި، ތަންތަނުގައި އަލިފާން ރޯކުރުން ފަދަ ކަންކަން ހިމެނެ އެވެ. މުޖުތަމައުގެ ކަންކަމާ ހަވާލުވެގެން ތިބޭ ބައެއް ފަރާތްތަކުން ވެސް އެ މީހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ހައްގު ނޫން އަދަބު ދިނުމާއި، އިސްލާހު ކުރުން ނޫން ގޮތެއްގައި ބިރުވެރިކަން ހިތްތަކަށް ވަންނަ ފަދަ މާއްދީ އަދި މައުނަވީ އަމަލު ތަކަކީ ވެސް އަމަން އަމާންކަން ގެއްލިގެންދާ ފަދަ ކަންކަމެވެ.
މިބާވަތުގެ އަމަލުތައް ހިންގަން މެދުވެރިވާ މައިގަނޑު ސަބަބަކީ އިންސާނާގެ ކިބައިގައިވާ އެކިއެކި އެދުންތައް ނުވަތަ ޣަރީޒާތައް ފުއްދުމުގައި ކޮންޓްރޯލު ކުރުމުގެ ތަރުބިޔަތު ބައެއް މީހުންނަށް ލިބިފައި ނެތުމެވެ. މިގޮތުން މަސްތުވާ ތަކެތީގެ ބޭނުން ކުރުމާއި، އޭގެ ވިޔަފާރި ކުރުމާއި، ފައިސާ އާއި މުދަލަށް އޮންނަ ދަހިވެތި ކަމާއި، މަތީ މަގާމެއް ބޭނުންވުމާއި، ނުވަތަ އެފަދަ މަގާމެއް ދިފާއު ކުރުމާއި، އެކިއެކި ސަބަބުތަކާ ހެދި އަންނަ ރުޅި ކޮންޓްރޯލު ނުވުން ފަދަ ކަންކަން ހިމެނެ އެވެ. ނަފްސު ދިފާއު ކުރުމަށާއި، ޝަރީއަތުގެ މަގުސަދުތައް ރައްކާތެރި ކުރުމަށްޓަކައި އަދުއްވުންނާ ހަނގުރާމަ ކުރުމަކީ އަމަން އަމާންކަން ގެއްލޭ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވިއަސް ހަގީގަތުގައި އެއީ އަމަން އަމާންކަން ހާސިލު ކުރުމުގެ މަގެކެވެ. އެހެން ކަމުން މިފަދަ ދިފާޢީ ކަންކަން ފިޔަވައި މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ އަމަން އަމާންކަން ގެއްލޭ ފަދަ އެންމެހާ އަމަލަކީ އިސްލާމީ ނަޒަރުން ބަލާއިރު ހަރާމް ވެގެންވާ ކަންކަމެވެ.
ކީރިތި ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާންކުރައްވާ ގޮތުގައި އަމަން އަމާންކަން ގެއްލޭ ފަދަ ކޮންމެ އަމަލަކީ ބޮޑުވެގެންވާ އަނިޔާވެރި ކަމެކެވެ. ޢާމިރު ބުނު ރަބީޢަތުގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައި ވެއެވެ. "ތިޔަބައިމީހުން މުސްލިމުން ބިރު ނުގަންނަވާށެވެ! ހަމަ ކަށަވަރުން މުސްލިމަކު ބިރު ގެންނެވުމަކީ ބޮޑުވެގެންވާ އަނިޔާ އެކެވެ." މިފަދަ އަނިޔާއެއް ދޭ މީހަކަށް ގިޔާމަތް ދުވަހުން ބިރުވެރިކަމާ ކުރިމަތިލާން ޖެހިދާނެ އެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވަނިކޮށް އަޑު އެއްސެވި ކަމަށް އިބްނު ޢުމަރު ރިވާ ކުރައްވާފައި ވެއެވެ. "މުއުމިނަކު ބިރު ގަންނުވާލައިފި މީހަކަށް ގިޔާމަތް ދުވަހުގެ ބިރުތަކުން އަމާންކަން ނުދެއްވުމަކީ ﷲ އަށް ލިބިވޮޑިގެންވާ ހައްގެކެވެ."
މުސްލިމެއްގެ ހިތަށް ބިރުވެރިކަން ގެނެސްދޭ ފަދަ ބަލައިލުމަކީ ވެސް އަދި އެފަދަ ހަރަކާތަކީ ވެސް ހަރާމް ކަމެކެވެ. އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައި ވެއެވެ. "މުސްލިމަކު ބިރު ގަންނަ ފަދަ ގޮތަކަށް ހައްގަކާ ނުލައި ބަލާލައިފި ނަމަ ޤިޔާމަތް ދުވަހުން ﷲ އެ މީހަކަށް ބިރުވެރިކަން މެދުވެރި ކުރައްވާނެތެވެ." އަދިވެސް ހަދީސްކުރެއްވި އެވެ. "ތިޔަބައިމީހުން ތިޔަބައިމީހުންގެ އަޚަކާ ދިމާއަށް ހަތިޔާރެއް ނުއުފުލާ ހުށި ކަމެވެ! ފަހެ އެފަދަ ކަމެއް ކުރާ މީހާގެ އަތުގައި ޝައިޠާނާ ހިފައި އެކަން ފާސިދުކޮށް ނަރަކައިގެ ވަޅުގަނޑަކަށް ވައްޓާލަފާނެ ކަން އޭނާއަކަށް ނޭނގޭނެ އެވެ." އެހެން ހަދީސެއްގައި ވެއެވެ. "އެ މީހެއްގެ އަޚާއާ ދީމާއަށް ދަނގަޑުކޮޅެއް (ނަމަވެސް) މަޅާލައިފި ނަމަ އެ އަނބުރާ ދަމައިގަންނަންދެން މަލާއިކަތުން އެ މީހަކަށް ލަޢުނަތް ލައްވާ ހުއްޓެވެ."
މި ހަދީސްތަކުގެ އަލީގައި ބަލާއިރު އެނގިގެންދަނީ ބިރުވެރިކަން އުފެދޭ ފަދަ ބެލުމެއް ބަލާލައިގެން ވެސް މުސްލިމް އަޚެއްގެ ހިތުގައި ބިރުވެރިކަން އުފެދޭ ފަދަ ކަމެއް ކުރުމަކީ ހަރާމް ކަމެއް ކަމެވެ. އަދި ކިއެއްތަ، މީގެ އިތުރުން ކުޅިވަރަކަށް ނުވަތަ ސަމާސާއަކަށް ކުރާ ކަމަކުން ވެސް މުސްލިމެއްގެ ހިތަށް ބިރުވެރިކަން ވެއްދުން އިސްލާމް ދީން ނަހީ ކުރެއެވެ. އައްނުޢުމާން ބުނު ބަޝީރުގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެ ބޭކަލުން ކީރިތި ރަސޫލާއާ އެކު ކުރެއްވި ދަތުރެއްގެ މަތީގައި މީހަކު ސަވާރީގައި އިންދައި ނިދި ޖެހުނެވެ. އެ ހިނދު (އޭނާ ސިއްސުވާލަން ވެގެން) ކޮންމެވެސް މީހަކު ތީރެއް ނެގި ތަނާ ކުށްލިއަކަށް ހޭލެވި ބިރުގަތެވެ. މިކަމާ ވިދިގެން ކީރިތި ރަސޫލާ ހަދީސް ކުރެއްވި އެވެ. "މުސްލިމަކު ބިރުގަންނުވާލުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ." އަދި އަބިލް ޙަސަނުލް ބަދްރީގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެ ބޭކަލުން ކީރިތި ރަސޫލާއާ އެކު ތިއްބަވަނިކޮށް މީހަކު ތެދުވެ ހަނދާންނެތިގެން ފައިވާނަށް ނާރައި ހިނގައިގަތެވެ. އެހިނދު ކޮންމެވެސް މީހަކު އެ ފައިވާން ނަގައި ފޮރުވި އެވެ. ފައިވާނުގެ ވެރިޔާ އެ ހޯދަންވެގެން އައިސް ސުވާލުކުރުމުން މީސްތަކުން އެ ނުދެކޭ ކަމަށް ބުންޏެވެ. އޭނާ ދެރަވެ ކަންބޮޑުވުމުން، ފައިވާން ފޮރުވި މީހާ އެ ދެއްކި އެވެ. އެހިނދު ކީރިތި ރަސޫލާ ހަދީސް ކުރެއްވީ މުއުމިނެއްގެ ހިތަށް ބިރުވެރިކަން ވަދެއްޖެ ނަމަ ދެން ކަން ހިނގައިފާނެ ގޮތަކާ މެދު ވިސްނުމަށެވެ. އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށް އެކަން ކުރި މީހާ ބަޔާން ކުރުމުންވެސް ރަސޫލާ ބަސްފުޅު ތިން ފަހަރު ތަކުރާރު ކުރެއްވެވި އެވެ.
މި ދެ ހަދީސް ގައި އިޝާރާތް ކުރެވިފައި މިވަނީ ވަރަށް އާދައިގެ ކުދިކުދި ކަންތައްތަކަށެވެ. އެހެން ކަމަށްވާނަމަ ހަގީގަތުގައި ވެސް މުސްލިމެއްގެ ހިތަށް ބިރުވެރިކަން ނުވަދެ ނުދާނެ ފަދަ ބިރުވެރި ޢަމަލުތައް ހިންގުމަކީ ކިހާ ވަރެއްގެ ކަމެއް ކަމުގައި ވާނެތޯ އެވެ؟ މި ހަދީސްތަކުގައި މުސްލިމުންގެ ވާހަކަ ޚާއްސަކޮށް ބަޔާން ކޮށްފައި ވުމުން ދޭހަވަނީ މުސްލިމުންނަށް އަމަން އަމާންކަން ހޯދައި ދިނުމުގައި ހުރިހާ މުސްލިމުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ނުކުތާ އަކީ މުސްލިމުން ކަމުގައި ނުވިއަސް މުސްލިމް ދައުލަތްތަކުން އަމާން ދީފައިވާ ޒިންމީންނަށް ވެސް މިފަދަ މަދަނީ ހައްގުތައް މުސްލިމުންނެކޭ އެއްފަދައިން ލިބެން ޖެހޭނެކަން ދެނެގަނެ އެމީހުންނަށް ވެސް އަމަން އަމާން މާހައުލެއް ގާއިމު ކޮށްދޭން އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. ޒިންމީންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ރަސޫލާ ވަނީ ވަޞިއްޔަތް ވެސް ކުރައްވައިފަ އެވެ.
މުސްލިމުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ އެންމެހާ ކަންކަމުން ދުރުހެލިވާން އިސްލާމް ދީން އިރުޝާދު ދޭ އިރު އަމަން އަމާންކަމުގެ ނިއުމަތުގެ ވާހަކަ ވެސް ބަޔާން ކުރެއެވެ. މިގޮތުން މައްކާގެ އަހުލުވެރިންނަށް އެ ރަށަކީ އަމާން ރަށެއްކަމުގައި ﷲ ލެއްވެވި ކަން ކީރިތި ޤުރުއާނުގެ އަލްޤުރައިޝް ސޫރަތުގައި ބަޔާން ކުރައްވާފައިވެ އެވެ. އެ ރަށުގައި ހަނގުރާމަ ކުރުމާއި ލޭ އޮހޮރުވުމާއި ގަސްގަހާގެހި ހަލާކުކުރުމާއި، ފޭރުން ފަދަ ކަންކަމުން އެ ރަށް ﷲ އަމާން ކުރެއްވި އެވެ. މައްކާގެ މީހުންގެ މެދުގައި އަރާރުންވުމާއި ގަތުލުކުރުން އެކުލެވިގެންވީ ހިނދު، އަމާންވެގެންވާ ޙަރަމެއް ﷲ ލެއްވެވިކަން އަލް ޢަންކަބޫތު ސޫރަތުގެ 67 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެ އެވެ. އަދި އަލްބަޤަރާ ސޫރަތުގެ 125 ވަނަ އާޔަތުގައި ވަނީ ގެފުޅު އަމާން ތަނެއްކަމުގައި ﷲ ލެއްވެވި ވާހަކަ އެވެ. އަދި އަމާންކަމަކީ ﷲ އަށް އީމާންވެ ސާލިހު އަމަލުކުރި މީހުންނަށް އާހިރަތުގައި ހުރި ޖަޒާ ވެސްމެ އެވެ. މިކަން އަލް އަންޢާމް ސޫރަތުގެ 82 ވަނަ އާޔަތުން އެނގެ އެވެ.
އަމަން އަމާން ކަމަކީ މިފަދަ މަތިވެރި ނިއުމަތެއް ކަމަށް ވީ ހިނދު އަދި މުސްލިމުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އިސްލާމް ދީން އަންގަވާ ހިނދު އަމަން އަމާންކަން ދެމެހެއްޓުމަށް ކޮންމެ މުސްލިމަކު ވެސް މަސައްކަތްކުރަން ޖެހޭނެ އެވެ. އަމާންކަން ގެއްލިގެންދާ ކިތަންމެ އާދައިގެ ކުޑަކަމެއް ނަމަވެސް މުސްލިމަކު ކޮށްގެން ނުވާނެ އެވެ.