ހައްޔަރު ނުކޮށް ވެސް ކުށުގެ އަޑި ހޯދެންޖެހޭނެ: ޔާމީން
ހައްޔަރު ނުކޮށް ވެސް ކުށުގެ އަޑި ހޯދެންޖެހޭނެ: ޔާމީން

ތަހުގީގީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމުން އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށާއި މީހުން ހައްޔަރު ނުކޮށް ވެސް ކުށުގެ އަމަލުތަކުގެ އެންމެ އަޑިއާ ހަމަޔަށް ފުލުހުންނަށް ދެވެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"ދަވާލައިފި" ގެ ނަމުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ބޮޑެތި ކުށުގެ އަމަލުތަކުގެ އެންމެ އަޑިއާ ހަމައަށް ފުލުހުން ދާން ޖެހޭނީ އެންމެން ހައްޔަރުކޮށް ނުވަތަ ބަންދުން ކޮށްގެން ނޫން ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށް، ދައުވާކުރުމަކާ ނުލައި އެތައް މަހެއް ވަންދެން ޖަލުގައި ގެންގުޅެފައިވެ އެވެ. އެގޮތުން ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުންނަށް އެކި ތުހުމަތުތައް ކޮށް ހައްޔަރުކޮށް ނުވަތަ ދައުވާކުރި އެވެ. ނަމަވެސް ޔާމީން މިރޭ ވާހަކަ ދެއްކެވީ ކުށަކާނުލައި، މީހުން ހައްޔަރުކޮށް އޭގެ ފަހުން ތަހުގީގު ހިންގާ ކަމަށް ވިދާޅުވެ އެވެ.

ޔާމީން ވިދާޅުވީ އެކި މައްސަލަތަކުގައި ފުލުހުންނާއި ސިފައިންގެ ވަޒީފާއިން ވަކިކުރި އެތައް ބަޔަކަށް މި ސަރުކާރުން އަލުން ވަޒީފާ ދީފައިވާ ކަމަށާއި އެއީ ސަލާމަތީ ބާރުތައް ސިޔާސީ ކުރުން ކަމަށެވެ. އެފަދަ ގޮތަކަށް މުއައްސަސާތައް ހުރިއިރު އިތުރު ބާރުތަކެއް އެ މުއައްސަސާތަކަށް ދިނުމުން ލިބޭނީ އިތުރު ގެއްލުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ވީމަ އޭގެ ނަތީޖާ އަކީ ދެން އިތުރު ބާރުތަކެއް ދިނީމަ ރައްޔިތުންނަށް މީގެ ހުރިހާ ގެއްލުމެއް ލިބޭނީ،" ޔާމީން ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަަޅާފައިވާ އިސްލާހުތަކާ ބެހޭ ގޮތުން ޔާމީން ވިދާޅުވީ އެ ބިލް އޮތްގޮތުން އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ވެސް މީހަކު ބަންދުގައި ބެހެއްޓިދާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ކުރިން ވެސް އެފަދަ ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން މަސައްކަތްކުރި ކަމަށާއި އެކަން އޭރު ކާމިޔާބު ނުވީ ކަމަށާއި އެފަދަ ބާރުތައް ހޯދަނީ ސަރުކާރުން ބޭނުންވާ މީހުން ހައްޔަރުކުރަން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރާއްޖެ އަމާން ކުރުމުގެ ނަމުގައި، މަގުތައް އަމާން ކުރުމުގެ ނަމުގައި މި ކުރާ ކަމަކީ އެ މީހުން ހިތު ހުރިގޮތަކަށް އަތްލަން ބޭނުންވާ މީހެއްގެ ގައިގައި އަތްލައި، ހިފައި ހައްޔަރު ކުރުން. އަނެއްކާ ކިތަންމެ ބޮޑު ކުށެއް ކުރިޔަސް، އެއިން މީހެއްގެ މީހަކު ހައްޔަރެއް ވެސް ނުވާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ގާނޫނު އިސްލާހު ކުރަނީ ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ގިނަވުމުގެ ސަބަބުންތޯ ނުވަތަ އެހެން ބޭނުމެއްގައިތޯ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އިތުރު ބާރުތަކެއް ހޯދަނީ ދީނީ އިލްމުވެރިންނާއި އެހެން ބައެއް ފަރާތްތައް ހައްޔަރު ކުރަންތޯ ސުވާލު އުފެދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގާނޫނުތައް ހަދަނީ ކުށެއް ނެތް މީހުން ވެސް ހައްޔަރުކޮށް، ޖަލަށް ލެވޭ ގޮތަށް ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ ކަމަކަށް ވެސް ކުރާ ކަމަކީ ކޮންމެ މީހަކު ވެސް ހައްޔަރު ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަންކަން އެގޮތަށް ދިމާވަނީ ގާނޫނުު ހަދާ މީހުން އިހުމާލުވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތަހުގީގު ކުރުމެއް ވެސް ނޫން. އެންމެ ފުރަތަމަ ކަމަކީ ވެސް މީހެއްގެ މައްޗަށް ތުހުމަތެއް އުފުލާފައި އެ މީހާ ހައްޔަރު ކުރުން. ހައްޔަރު ކޮށްގެން ނޫނީ އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންސާފު ގާއިމުކުރަން ފެށެން ޖެހޭނީ ތަހުގީގު މަރުހަލާ އިން ފެށިގެން ކަމަށާއި އެކަމަކު ތަހުގީގު މަރުހަލާއާ މެދު ރާއްޖޭގައި ބޮޑެތި ތުހުމަތުތައް ކުރެވޭ ކަމަށެވެ. އަދި ހެކި އުފެއްދުމާއި ހެކިބަސް ދޭން ދައުލަތުގެ ވެރިން ބިރު ދެއްކުމުގެ އަމަލުތައް ވެސް ހިނގަމުންދާ ކަމަށެވެ.

ޔާމީން ވިދާޅުވީ ހަތަރު ލީޑަރުން ނިކުމެ ވަޑައިގެން ރައްޔިތުންނަށް ވައުދުތައް ވެގެން މި ސަރުކާރު ގެނައުމަށް ފަހު އެތައް ވައުދުތަކެއް ނުފުއްދި ހުރިއިރު އެ ހަތަރު ލީޑަރުން މިހާރު ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ބޮޑު ބަޖެޓެއް ހޭދަ ކުރިޔަސް، އެއްވެސް މަޝްރޫއުއެއް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.