12 ސެޕްޓެމްބަރ 2019 - 21:40

ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ލިބޭ ހައްގުތައް ހަނިކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދީނީ ދަރުސްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކުރުމާއި ބަލައި ފާސް ކުރުމުގެ އިތުރުން އިތުރު ބައެއް ބާރުތައް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާ ގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ކޮންމެ މީހަކަށް ލިބިދީފައި ވާއިރު ކުށުގެ ތުހުމަތު ކުރެވޭ މީހުން ވެސް ގާނޫނާ ޚިލާފަށް ހައްޔަރު ނުކުރެވުމާއި ހަނު ހުރުމުގެ ހައްގާއި ފަނޑިިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާ މެދު ގޮތެއް ނިންމުން ފަދަ ހައްގުތައް ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. އަދި ގައުމީ ސަލާމަތާ ގުޅޭ ޚާއްސަ ހާލަތްތަކުގައި ވެސް ބައެއް ހައްގުތައް ހަނި ނުކުރެވޭނެ ކަމަށާއި އެކަމަކު މިހާރު ހުށަހަޅާފައިވާ އިސްލާހުތައް އަމާޒު ކޮށްފައިވަނީ ދީނީ ދަރުސްދޭ ފަރާތްތަކަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި ގާނޫނަށް ހުށަހެޅޭ އިސްލާހުތައް ބޮޑަށް އަމާޒުވަނީ ދީނީ ހަރުކަށިކަމޭ ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑު މަޑުކޮށް، އެފަދަ ދަރުސްދޭ ފަރާތްތައް ވެސް ހިފައި ހައްޔަރު ކުރުމަށާއި ސެކިއުލާ ވިސްނުމަށް ޖާގަ ދިނުމަށެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދާފައިވާ އަސާސީ ހައްގުތައް ހަނިކުރަން މަޖިލީހުގެ ތެރެއިން ކުރަމުންދާ މަސައްކަތް އެ ކޯލިޝަނުން ކުށްވެރިކުރާ ކަމަށާއި އެކަމަކީ ގާނޫނު އަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ޚިލާފަށް އަދި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ކަމެއް ކަމަށެވެ. އަދި މަޖިލީހުގައި ސަރުކާރަށް އޮތް އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކުރަމުންދާ އެ މަސައްކަތާ ދެކޮޅަށް އެ ކޯލިޝަނުން ތެދުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އޮތްގޮތުންނާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އެ ބިލުގައި އޮތުމުން އެކު ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.