12 ސެޕްޓެމްބަރ 2019 - 17:18

ބާވެ، އާއްމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ 11 އިމާރާތަކާ މެދު ފިޔަވަޅު އަޅަން އެދިފައިވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓު (ސީއައިޑީޑީ) ގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ތޮލާލް ވިދާޅުވީ ނުރައްކާ އޮތް ކަމަށް ފާހަގަކުރެވުނު 11 އިމާރާތުގެ އެސެސްމަންޓް ހެދުމަށް ފަހު މިދިޔަ މަހުގެ 25ގެ ނިޔަލަށް ފިޔަވަޅު އަޅަން މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.
އެ ގެތަކަކީ، ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ހާޖަރާގެ، ހ. ރުއްދޮށިގެ އަދި މ. ރަބީއުވިލާ އެވެ.
ތޮލާލް ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 653 ސައިޓެއް ބަލައި އެތަނުން 384 ތަނެއްގައި ހުރި މައްސަލަ ރަނގަޅުކުރަން އަންގާފައިވާ ކަމަށެވެ. އޭގެ ފަހުން 218 ސައިޓެއް ބަލައި 90 ސައިޓެއްގައި ހެލްތު އެންޑް ސޭފްޓީ ހާލަތު ރަނގަޅުކުރަން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި މިދިޔަ މަހުގެ ނިޔަލަށް ރެންޑަމްކޮށް 337 ސައިޓަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ހުރި ސޭފްޓީ މައްސަލަތަކުގެ ރިޕޯޓު ދުވަހުން ދުވަހަށް ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.
ތޮލާލް ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މިހާރު އިތުރުވެފައިވާ ކަމަށެވެ.